13 Mar 2022, 22:45
އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި އަންހެން ޑިވިޝަނުގައި މިރޭ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްއެސްއެލް)ގެ މައްޗަށް ކުރިހޯދައި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒްއިން ސެމީގެ އުންމީދު އައުކޮށްފިއެވެ.
ސީއެފްއެސްއިން މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެ ގޮތުން މެޗުގެ ފުރަތަމަ ސެޓު ފޯރިގަދަ ކުޅުމަކަށް ފަހު ސީއެފްއެސްއިން ކާމިޔާބުކުރީ 25-18ގެ ނަތިޖާއަކުންނެވެ. ދެވަނަ ސެޓު ސީއެފްއެސްއިން ކާމިޔާބުކުރީ 25-05ގެ ފަރަގުބޮޑު ނަތީޖާއަކުންނެވެ.
މިއީ މި މުބާރާތުގައި ސީއެފްއެސްގެ ދެވަނަ މެޗެވެ.ރޭ ކުޅުނު މެޗުން އެމްެއެންޔޫ ބިޒްނަސް ސުކޫލް އަތުން ސީއެފްއެސްވަނީ ބަލިވެފައެވެ.
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.