ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބޭއްވި ޚާއްސަ ޕްރެސްކޮންފަރެންސެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ގިނަ މީހުން އެއްވާ ތަންތަނުގައި މާސްކު މިހާރު އެޅުމަކީ މަޖުބޫރު ކަމެއް ނޫންކަމަށެވެ.

"ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްއެޅުން މަޖުބޫރު ވެފަ ކުރިން އޮތީ. އެހެންނަމަވެސް އެ މަޖުބޫރުކުރުން އުވާލެވިގެންދާނެ އިންގޭތޯ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާސްކު އެޅުން އަދިވެސް މަޖުބޫރު ހާލަތްތަކެއް ވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ބަލި ފެތުރޭ ރަށްރަށުގައި މާސްކު އެޅަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މާސްކު އެޅުމަކީ އަދިވެސް މަޖުބޫރުކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެހެންނަމަވެސް މާސްކަކީ ކޮވިޑްގެ އިތުރުން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މާސްކު އެޅުމަކީ ބޭނުންތެރި ކަމެއްކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް ޖެހުމުން ހާލު ބޮޑުވެދާނެ މީހުންނާއި ހައި ރިސްކު މީހުންގެ އިތުރުން ބަލި ޖެހިފައިވާ މީހުންނާއި އެކު އުޅޭ މީހުން މާސްކުއެޅުމަށް އެދޭކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން ލުއި ދިން ކަންކަމުގެ ތެރޭގައި ދަތުރު ކުރުމުގައި ކަރަންޓީނުވުން ހިމެނެއެވެ. މިއަދުން ފެށިގެން ދަތުރުކުރުމުގައި ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުންނަށް ޕީސީއާރު ޓެސްޓު ނަހަދައި ދަތުރުކުރެވޭ ގޮތް ވެސް އެޗްޕީއޭ އިން ވަނީ ހަދާފައެވެ.

މިރޭ ޤައުމާ މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ކޮވިޑާ ގުޅިގެން އިއުލާން ކުރަމުން އައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އުވާލިކަން އިއުލާން ކުރައްވާފައެވެ.