15 Mar 2012, 16:13
ފުލުހުންނާ ގުޅޭ ޝަކުވާތައް އެބަހުރި ކަމަށާއި ފުލުހުންނާބެހޭ ގޮތުން ކުރާ ހުރިހާ ޝަކުވާ އެއް ވެސް ބެލެންޖެހޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޕޮލިސް އޯގަނައިޒޭޝަން ލެވެލްގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ޔަގީން ކުރުމަށް ތައާރަފް ކުރި "ޕޮލިސް ޕްރޮފެޝަނަލް ސްޓޭންޑަޑް" އާ ބެހޭ ގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ކޮމިޝަނާ މިއަދު ވިދާޅުވީ އެކަމުގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންނަކީ ރައްޔިތުން އިތުބާރު ކުރާ ބަޔަކަށް ހަދައި ފުލުހުންގެ މަސައްކަތް ހުންނަނީ ޕްރޮފެޝަނަލް ސްޓޭންޑަޑެއްގައި ތޯ ބެލުން ކަމަށެވެ. އަދި ކޮންމެ ފުލުހަކާ ދޭތެރޭ ކުރާ ޝަކުވާ އެއް ވެސް ބެލެންޖެހޭނެ ކަމަށާއި އެފަދަ މައުލޫމާތެއް ލިބުނަސް އެކަން ބަލަންޖެހޭނެ ކަމަށެވެ.
"ކޮންމެ ފުލުހަކާ މެދު ހުށަހެޅޭ ޝަކުވާއެއް، އެއީ ކޮމިޝަނާ އޮފް ޕޮލިސްއާ ގުޅޭ ގޮތުން ހުށަހަޅޭ ޝަކުވާއެއް ނަމަވެސް އަދި ފުލުހުންގެ އެގްޒެކެޓިވަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާއެއް ނަމަވެސް އެކަން ބެލެންޖެހޭނެ،" ރިޔާޒް ވިދާޅުވި އެވެ.
ކޮމިޝަނާ ވިދާޅުވީ ފުލުހުންނާ މެދު ކުރާ ޝަކުވާ މިނިވަންކަމާއެކު ނުބަލާނެ ކަމަށް ހީވާނަމަ އެކަން މިހާރު ވެސް ފުލުހުންގެ މައްސަލަތައް ބަލަމުން އަންނަ މިނިވަން މުއައްސަސާތައް ކަމަށްވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅައިގެން ބެލޭނެ ކަމަށެވެ. އަދި އެ ފަރާތްތަކުން ކުރާ ތަހުގީގުތަކަށް ވެސް ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަން ފާހަގަކޮށް ރިޔާޒުވަނީ މިހާރަށް ވުރެ ބޮޑަށް ފުލުހުންގެ ކަންތައްތައް ބަލައި އިރުޝާދު ދެއްވުމަށް އެ ދެ މުއައްސަސާގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ފުލުހުން މަސައްކަތް ކުރަމުންދަނީ ޕްރޮފެޝަނަލް ސްޓޭންޑަޑާ އެއްގޮތަށް ތޯ ބަލަމުންގެދާއިރު، ފުލުހުންނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކުން ދިފާއުވުމުގެ ފުރުސަތު ގާނޫނުގެ ތެރެއިން ފުލުހުންނަށް ލިބިފައިވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ ގާނޫނުން ލިބިދޭ ބާރުތަކުގެ ތެރެއިން އެންމެ ކުޑަ ބާރަކާއެކު މައްސަލަތައް ހައްލު ކުރުމަށް ކަމަށާއި މުޒާހަރާ ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބެން ފުލުހުން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުން ލިބިދޭ މުޒާހަރާ ކުރުމުގެ ހައްގުގެ ބޭނުން ސުލްހަ ވެރިކަމާއެކު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގޮތަށް ކަންކަން ނުކުރާނަމަ ބާރުގެ ބޭނުންނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުން މަސައްކަތް ކުރަން ބޭނުންވަނީ އެހާލަތަކާ ގުޅޭ އެންމެ މިނިމަމްފޯސް ބޭނުން ކޮށްގެން ހަމަޖެހުން ގެނައުމަށް. އަޅުގަނޑުމެން ބޭނުން މުޒާހަރާ ކުރުމަށް ނުވަތަ އިހުތިޖާޖު ކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ފުރުސަތު ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ދޭން އެކަންކަން ވާން،" ރިޔާޒް ވިދާޅުވި އެވެ.