ވެކްސިން ފުރިހަމަކޮށްފައި ނެތްނަމަވެސް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭގޮތަށް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ޚާއްސަ ޕްރެސްކޮންފަރެންސެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ދަތުރުވެރިން ވެކްސިން ފުރިހަމަކޮށްފައި ނުވި ނަމަވެސް ދެން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެކަމަށެވެ.

"އެއްވެސް ފަރާތަކުން ދަތުރުކުރުމުގެ ބޭނުމުގައި ދެން ޕީސީއާރު ޓެސްޓުން ހަދާކަށް ނުޖެހޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންނަމަވެސް ދަތުރުކުރުމަށް އެހެންމީހުންގެ ރައްކާތެރިކަމަށާއި އަމިއްލަ މީހާގެ ރައްކާތެރިކަމަށް ޓެސްޓު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމަށް އޮންނަ އުސޫލު ވެސް އުވާލެވިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން މިހާރު އޮންނަ ގޮތުން ބައެއް ހާލަތް ތަކުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތައް ކަރަންޓީނު ވާންޖެހޭ. އެގޮތަށް ކަރަންޓީނުވުމާ ގުޅިގެން ހުރި ކަރަންޓީނުތައް އުވިގެންދާނެ އެއްކޮށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އުވާލާނީ ހަމައެކަނި ދަތުރު ކުރުމުގައި ކުރާ ކަރަންޓީނުތައް އެކަނި ކަމަށެވެ. އެހެންނަމަވެސް އެފަދަ މީހެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ އެންޓިޖެން ޓެސްޓު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިރޭ ޤައުމާ މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ކޮވިޑާ ގުޅިގެން އިއުލާން ކުރަމުން އައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އުވާލިކަން އިއުލާން ކުރައްވާފައެވެ.