13 Mar 2022, 20:44
ކޮވިޑްގެ ސަބަބުން މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ޞާލިހް މިރޭ ވިދާޅުވީ ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިޤްތިޞާދީ ހަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް ކަމަށެވެ.
"އެޙާލަތުގައި ވެސް ސަރުކާރުން މަސައްކަތް ކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން. ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމަށް ގޭބިސީތަކުގެ ކަރަންޓާއި ފެންބިލްތަކުން ޑިސްކައުންޓްތަކެއް ދީފައިވާނެ ކަމަށެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިފާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށް، ވަޒީފާތަކުން މީހުން ވަކި ނުކުރުމަށް ޝަރުތުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކޮށްފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އިޖްތިމާޢީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދީ، ރިސޯޓްތަކުގެ ކުލި ދެއްކުން ފަސްކޮށްދީފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެނައިއިރު، މިއަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިޤްތިޞާދު ކުރިއަރާނެ ކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ޤައުމުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ކަމަށެވެ. މިކަމުގެ ޙަޤީޤީ ސިއްރަކީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގައި، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި ޢަޒުމާއެކު، ވަރުބަލިވުމެއް ނެތި ކުރި މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވި ޞިއްޙީ ދާއިރާގެ އެންމެހައި ޚިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ. ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި ހިލޭސާބަހަށް މަސައްކަތްކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް،" ރައީސް ވިދާޅުވިއެވެ.
ކޮވިޑާ ދެކޮޅަށް ރާއްޖޭން ކުރި މަސައްކަތުގައި ރަޙުމަތްތެރި ޤައުމުތަކުން ވެދިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ހުރިހާ ޤައުމުތަކަށްވެސް ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، ޔޫއޭއީ، ޗައިނާ، ބަނގްލަދޭޝް އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އާއި އދ.ގެ ބައެއް އިދާރާތަކުން ވެދިން އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްސަގޮތެއްގައި އިންޑިއާއިން ރާއްޖެއަަށް ވެދިން އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.
"އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް، މިދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބިއްޖެ. އެންމެ ގިނަ ޢަދަދަކަށް ކޮވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިޔާ. އިޤްތިޞާދީ ގެއްލުން ކުޑަކުރުމަށް، 250 މިލިއަން ޑޮލަރުގެ ބޮންޑު އިންޑިއާ އިން ވަނީ ގަނެފައި. ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ، ވަރަށް ގިނަ ސާމާނު ހަދިޔާކުރި. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދިން،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ބޭސް ފަރުވާ އަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހަ އިން އިންޑިއާއަށް ދެވޭނެ ގޮތް ވެސް އެ ޤައުމުން ހަމަޖައްސައިދިން ކަމަށާއި މިއީ ކޮވިޑްގެ ތެރޭގައި އެހެން އެއްވެސް ޤައުމަކަށް އިންޑިއާ އިން ނުދޭ ފުރުޞަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.