ފެބުރުއަރީ އަށް ވަނަ ދުވަހު ހއ. އިހަވަންދޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 23 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ނިންމައިފި އެވެ.

އެ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ފެބުރުއަރީ އަށް ވަނަ ދުވަހު އިހަވަންދޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާ ކުރަން ނިންމި 23 މީހުންގެ މައްޗަށް ދައުވާ ކުރާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

އޭގެ ތެރެއިން 21 މީހުންގެ މައްޗަށް ދައުވާ ކުރަން ނިންމީ ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ 75 ވަނަ މާއްދާގެ ދަށުންނެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުސް ސްޓޭޝަން ތެރެއިން ފުލުހުން ނުކުތުމަށް އަންގާ ފުލުހުންނަށް ދަތިކޮށް ހަދާ ހަމަނުޖެހުންތަކުގައި ބައިވެރިވުމުގެ ކުށުގަ އެވެ.

އަނެއް ދެ މީހުންގެ މައްޗަށް ދައުވާ ކުރަނީ ވެސް ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ 75 ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް މި ދެ މީހުންގެ މައްޗަށް ކުރާ ދައުވާ ތަފާތު ވަނީ މި ދެ މީހުންގެ ފުލުހުންނަށް ހުރަސް އަޅައި އަމަލީ ގޮތުން ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާތީ އެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރަން ނިންމެވި ނަމަވެސް އެމީހުންގެ މައްސަލަ ކޯޓަށް ފޮނުވާނެ ދުވަހެއް ޕީޖީ އޮފީހަކުން ނުބުނެ އެވެ. ބުނީ މައްސަލަ ކޯޓަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.