ވޮޝިންޓަން (13 މާޗް 2022): ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ފާއިތުވި 15 އަހަރު ތެރޭގައި އިންޒާރުތައް ދެއްވިކަންތައް އޭނާ މިހާރު އެގެންދަވަނީ ކާމިޔާބުކަމާއެކު ޔުކްރޭންގައި ކުރައްވަމުން ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)ގެ ކުރީގެ މުސްތަޝާރު ކާނަލް ޑޮގްލަސް މެކްގްރެގާ ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެކްގްރެގާ ވިދާޅުވި ނޭޓޯ ފުޅާކޮށް ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި ޕޫޓިން އެމެރިކާއަށާއި ނޭޓޯއަށް ގިނަ އިންޒާރުތައް ދެއްވަމުން ގެންދެވިކަމަށާއި ޔުކްރޭންގެ ހަނގުރާމައަކީ ޕޫޓިންގެ އިންޒާރުތަކަށް ހުޅަނގުން ބީރުކަންފަތެއް ދިނުމުގެ ނަތީޖާ ކަމަށެވެ.

ކާނަލް މެކްގްރެގާ ވިދާޅުވީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ސޮވިއެޓްގެ ސްޓްރެޓީޖިކް މިސައިލްތައް އެމެރިކާގެ އަވަށްޓެރި ކިޔުބާގައި ރުކުރުވާލުމުން އެކަމަށް އެމެރިކާ ދެކޮޅު ހެދިގޮތަށް ރަޝިއާވެސް އެގައުމުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ނޭޓޯގެ ބާރުތައް ރުކުރުވާލުމުގެ ފުރުސަތު ނުދޭނެކަން އެމެރިކާއާއި ނޭޓޯ ދަންނަން ޖެހޭނެކަމުގައެވެ.

ނޭޓޯއާއި އެމެރިކާއިން ރަޝިއާގެ ދިފާއީ މަސްލަހަތުތަކަށް އިހްތިރާމްކޮށް ހުރިހާ ގައުމުތަކަކަށް ހަމަހަމަ ގޮތެއްގައި ރައްކާތެރިކަން ލިބޭނެ ފޯމިއުލާއަކަށް އެމެރިކާއާއި ނޭޓޯ އެއްބަސްވިނަމަ މިއަދު ޔުކްރޭންގެ މަސްރަހުން މިފެންނަ ހިތްދަތި މަންޒަރު ނުފެނުނީސް ކަމަށް މެކްގްރެގާ ވިދާޅުވިއެވެ.

މެކްގްރެގާ ވިދާޅުވީ ކޮންމެ އަގެއް ދައްކަން ޖެހުނު ނަމަވެސް ރަޝިއާ އެގައުމުގެ ބަނޑު ދަށުގައި އޮންނަ ޔުކްރޭން ނޭޓޯއަށް ވެއްދުން ހުއްޓުވާނެކަމުގައެވެ. އަދި ޔުކްރޭން ނިއުޓްރަލް ގައުމަކަށް ހެދުމަށް ރަޝިއާ މިހާރު ފަށާފައިވާ ހަނގުރާމަ ކާމިޔާބު ކުރާނެކަމަށާ މިހާރުވެސް "ގޭމް އޯވާ" ވުމާ ގާތްވެފައިވާކަން މެކްގްރެގާ ފާހަގަ ކުރެއްވިއެވެ.

ރަޝިއާއިން ޔުކްރޭންގެ ވެރިރަށް ކިޔޭވް ވަށާލަމުން ގެންދާ ކަމަށާއި ޕޮލެންޑާއި ރުމޭނިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ނޭޓޯ ޔުކްރޭންގެ ސިފައިންނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމެންޓްތަކަށާއި ސަޕްލައިއަށް ރަޝިއާއިން ހަމަލާދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނޭޓޯގެ ހަތިޔާރުގެ ސަޕްލައި ހުއްޓުވުމަށް ވަގުތުނަގާނެކަމަށާއި ނަމަވެސް މިކަން ކުރެވިއްޖެނަމަ ކިޔޭވްގެ ތެރޭގައި ގެރިއްލާ ހަނގުރާމަ ކުރަންނުޖެހި ކިޔޭވްގައި ތިބި ޔުކްރޭންގެ ސިފައިންނާއި ހަތިޔާރުއެޅި އާންމުން އަމާންދޭން މަޖްބޫރުވާނެ ކަމަށް މެކްގްރެގާ ވިދާޅުވިއެވެ.

ޔުކްރޭންގެ އިރުމަތީގައި މިހާރުވެސް ރަޝިއާގެ ކޮންޓްރޯލް އޮންނައިރު ޔުކްރޭންގެ ދެކުނު ވަނީ ރަޝިއާގެ ކޮންޓްރޯލްގެ ދަށަށްދިޔުމުގެ މަގުމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ އަމާޒަކީ ޔުކްރޭންގެ ކަނޑުގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ އޮޑެއްސާ ގެ ކޮންޓްރޯލް ހޯދުމަށެވެ.

ޔުކްރޭނަށް އެތެރެކުރާ މުދަލުގެ 70 ޕަސެންޓަކީ އޮޑެއްސާ މަގުން އެތެރެކުރާ ތަކެއްޗެވެ. އޮޑެއްސާއަށް ރަޝިއާ ބާރުގަދަ ހަމަލާތަކެއްދޭއިރު އެސިޓީގެ ބައެއް މިހާރުވެސްވަނީ ރަޝިއާ އަތްދަށުގައެވެ. އެސިޓީގެ ފުރިހަމަ ކޮންޓްރޯލް ހޯދިއްޖެނަމަ ޔުކްރޭނަށް އެތެރެކުރާ ކާބޯތަކެއްޗާއި އެނޫންވެސް ގިނަ ތަކެތީގެ ކޮންޓްރޯލް ރަޝިއާގެ ދަށަށްދާނެއެވެ.

ޔުކްރޭންގައި ރަޝިއާ މިތަންފީޒު ކުރަނީ ސޫރިޔާގެ ހަނގުރާމަވެރިންނާ ދެކޮޅަށް ސޫރިޔާގެ ސިޓީތަކުގައި ރަޝިއާ ބޭނުންކުރި ސްޓްރެޓެޖީކަމަށް މުހައްލިލުން ވިދާޅުވެއެވެ. ރަޝިއާއިން އިއްޔެވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ނޭޓޯއިން ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ވަރަށް އެކިއުރޭޓް މިސައިލްތަކުން ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.

މެކްގްރެގާ ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިންގެ ފަރާތުން މިހާރު ފެންނަނީ ކިޔޭވް އަށް ވަނުމުގެ ބަދަލުގައި އެރަށް ވަށާލަން މަސައްކަތްކުރާ މަންޒަރެވެ. ކިޔޭވް ހިސާރުކޮށް ކިޔޭވްގައި ތިބި ޔުކްރޭން ސިފައިންނާއި ހަތިޔާރު އެޅި އާންމުންނަށް ބޭނުންވާ ހަތިޔާރުގެ ޝިޕްމެންޓްތަކަށާއި ކާބޯތަކެތިފަދަ ސަޕްލައިއަށް ހުރަސްއަޅަން ރަޝިއާ ސިފައިން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަން ކާމިޔާބު ކުރެވިއްޖެނަމަ މާގިނަދުވަސްތަކެއްނުވެ ކިޔޭވް އިން ބޭރަށް ނުކުންނަން ޔުކްރޭންގެ ބާރުތަކަށް މަޖްބޫރުވާނެކަމަށާއި މިހިސާބުން "ގޭމްއޯވާ" ވާނެކަން މެކްގްރެގާފާހަގަ ކުރެއްވިއެވެ.

ޔުކްރޭން ހަނގުރާމައަކީ ދުނިޔޭގައި މިހާރު އޮންނަ އެމެރިކާގެ ޑޮމިނަންސްއާއި ކޮންޓްރޯލް ގެއްލި އެމެރިކާ ނޫން ބާރުތަކެއްގެ އަތްމައްޗަށް ދުނިޔެ ދިޔުމުގެ ކޮޅުމަތި ކަމަށް މި ހަނގުރާމައަށްފަހު ދުނިޔޭގައި އައު ނިޒާމެއް އުފެދިގެންދާނެކަމަށް ސްޓްރެޓީޖިކް ދިރާސާތައް ކުރައްވާ ތަޖްރިބާކާރުން ވިދާޅުވެއެވެ.

ޔުކްރޭން ހަނގުރާމަ އަށްފަހު ދުނިޔޭގައި އުފެދޭ ނިޒާމުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އެމެރިކާއާއި އިނގިރޭސިވިލާތަށް ކަމަށާއި އެދެގައުމު ދުނިޔޭގެ މަސްރަހުން ވަރަށް ބޮޑަށް އެކަހެރި ވެގެންދާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެެވެ.

އަދި ޖަރުމަނު ލީޑުކުރާ އެމެރިކާއަށް ބަރޯސާނުވާ އައު ޔޫރަޕެއް އުފަންވެ ދުނިޔޭގެ ބާރުވެރިކަމުގައި ނަގާ ކިޔާނީ ޗައިނާއާއި ރަޝިއާ ކަމަށާއި އިންޑިއާ، އީރާން، ޕާކިސްތާން ފަދަ ސަރަހައްދީ ބާރުތައް ގުޅޭނީ ޗައިނާއާއި ރަޝިއާގެ އެލަޔަންސް އާ ކަމަށްވެސް މުހައްލިލުން ލަފާކުރެއެވެ.