އއ. މަތިވެރީގައި ގާއިމުކުރި އައުޓްޑޯ ވޮލީ ކޯޓު، ސްޕޯޓްސް މިނިސްޓަރު އަޙުމަދު މަހުލޫފު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެ ކޯޓު ހުޅުވުމަށް އިއްޔެ ހަވީރު މަތިވެރީ ވޮލީ ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މަހުލޫފުގެ އިތުރުން، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އާއި ނައިބު ރައީސް އަޝްރަފް ޢަލީ އާއި ވޮލީ ބޯޅަ ލެޖެންޑް ސައްޔިދު ޢަލީގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި މަތިވެރީ ކައުންސިލްގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، އެ ރަށުގައި ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް އަޅުއްވައިދެއްވީތީ މިނިސްޓަރު މަހުލޫފަށް ޝުކުރު އަދާ ކުރާ ކަމަށާއި، މިއީ ޒުވާނުންގެ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި މަތިވެރި ދާއިރާގެ މެންބަރު ޒަރީރު ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ކަންކަމާއި ވަސީލަތްތައް އެންމެ ފުރިހަަމައަށް ގާއިމުކޮށްދެއްވަނީ މި ސަރުކާރުން މިނިސްޓަރު މަހުލޫފުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި މިއަދު ކޮންމެ ރަށަކުން ވެސް ފެންނަނީ ކުޅިވަރުގެ އުފާވެރިކަން ކަމަށް ވެސް މެންބަރު ޒަރީރު ވިދާޅުވިއެވެ.

މަތިވެރި ކޯޓު ހުޅުވުމުެ ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފު ވާހަކަދައްކަވަނީ -- ސަން ފޮޓޯ / މުހައްމަދދު ނާއިލް

ވީއޭއެމްގެ ރައީސް ރަނޭ ވިދާޅުވީ، މިނިސްޓަރު މަހުލޫފުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީ ކޯޓުތައް ގާއިމުކުރަމުންދާކަމީ ވީއޭއެމްއަށް ވަރަށް ބޮޑު ލުޔެއް ލިބޭ ކަމެއް ކަމަށެވެ. އަދި އަތޮޅުތެރޭގައި ކުޅިވަރުގެ ފޯރި، ޚާއްޞަކޮށް އޭނާގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ ވޮލީގެ ފޯރި ކުރިއެރުވުމަށް މިނިސްޓަރު މަހްލޫފު ކުރައްވާ މަސައްކަތުގައި މިނިސްޓަރުގެ ފަހަތުން ތިބެގެން އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައު މަހްލޫފު ވިދާޅުވީ، މަތިވެރީގައި މިފަދަ ކޯޓެއް ގާއިމުކުރެވުނީ ދާއިރާގެ މެންބަރާއި، ކައުންސިލް އަދި ޒުވާނުންގެ ވަރަށް ބޮޑު މަސައްކަތަކާއެކުކަމަށެވެ. މިއީ މިހާތަނަށް މި ސަރުކާރުން ނިންމާލި ހަތަރު ވަނަ ވޮލީ ކޯޓުކަމާއި، މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 50 ވޮލީ ކޯޓު ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ކުޅިވަރަށް ކޮށްދެނީ ކޮން ކަންތައްތަކެއްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމަށާއި ހަމައެކަނި ނިމިފައިވާ ވޮލީ ކޯޓުތަކާއި އެކިއެކި މަރުހަލާތަކުގައި ހުރި އައުޓްޑޯ އަދި އިންޑޯ ވޮލީ ކޯޓުގެ މަަސައްކަތްތަކަށް ބަލާލުމުން ވެސް މި ސަރުކާރުން ކުޅިވަރަށް ބަދަލުތަކެއް ގެނެސްފިކަން ސާބިތުވާނެކަމަށެވެ.

ގައުމީ އަންހެން ޓީމާއި މަތިވެރި ޓީމާާ ދެމެދު ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ނާއިލް

ވޮލީ ކޯޓު ހުޅުވުމަށްފަހު ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމާއި މަތިވެރީ ޓީމަކާ ދެމެދު ވޮލީ މެޗެއް ކުޅުނެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ގައުމީ އަންހެން ޓީމެވެ.

މި މުނާސަބަތާ ގުޅިގެން ރޭ ވަނީ ވެޓަރަންސް ޓީމަކާއި މަތިވެރީ ފިރިހެން ޓީމަކާ ދެމެދު ވެސް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މި މެޗުގައި މިނިސްޓަރު މަހުލޫފު، ވީއޭއެމްގެ ރައީސް ރަނޭ، ނައިބު ރައީސް އަޝްރަފް، ގައުމީ އަންހެން ޓީމުގެ ކޯޗު މުންތާޒް ޢަލީގެ އިތުރުން ވޮލީ ލެޖެންޑް ސައްޔިދު ޢަލީވެސް ކުޅުއްވިއެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ ވެޓަަރަންސް ޓީމުންނެވެ.

މި ކޯޓު ގާއިމުކުރުމަށް ސަރުކާރުގެ ބަޖެޓުން 851،200 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.