13 Mar 2022, 11:36
ތ. ދިޔަމިގިލީގައި ހަމަލާދީ ޒަހަމްކޮށްލި މީހަކަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ދިޔަމިގިލީގައި މީހަކަށް ހަމަލާ ދީފައި ވާކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
"އަނިޔާ ލިބުނު ދިވެހި ފިރިހެންމީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުން،" ފުލުހުން ބުންޏެވެ.
މި މައްސަލަހާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާ "ސަން"އަށް ވިދާޅުވީ، އެ ހާދިސާގައި ޒަހަމްވެފައި ވަނީ އެ ރަށު މުދިމެއް ކަމަށެވެ. އަދި އެ މީހާގެ ކަރަށާއި ބުރަކަށީގެ ހަތަރު ތަނަކަށް ވަރަށް ފުންކޮށް ވަޅި ހަރާފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މާލޭގައިވެސް ރޭ ވަނީ މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައި ޒަހަމް ވެފައި ވަނީ ބިދޭސީއަކަށެވެ.
ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.