13 Mar 2022, 11:15
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސިންތެޓިކް ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ފުޓްބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބައިވެރިވާނެކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓަށް ރިޕްލައި ކުރަމުން ރޮމާނޯ ވަނީ އޭނާ ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބުނެފައެވެ.
ރޮމާނޯއަކީ މުޅި ދުނިޔޭގެ ފުޓުބޯޅައިގަވެސް އެންމެ އިތުބާރު ހިފޭ އެއް ނޫސްވެރިޔާއެވެ. ގިނަ މީޑިއާތަކުން ޚަބަރެއްގެ ސައްހަކަން ކަށަވަރުކުރަން ބޭނުންކުރާ ވަސީލަތަކީ ފަބްރީޒިއޯ ރޮމާނޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. ރޮމާނޯ މަސައްކަތްކުރަމުން އަންނަނީ ސްކައިސްޕޯޓްސް އިޓާލިއާގައެވެ.
ރޮމާނޯގެ އިތުރުން އެހެނިހެން ލެޖެންޑުން ވެސް މި ހަފްލާގައި ބައިވެރިވާނެކަން މިނިސްޓަރު މަހްލޫފް ވަނީ އިއުލާން ކުރައްވާފައެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ބްރިޓިޝްގެ ޕެރަލިމްޕިކް ލެޖެންޑް ލޫސީ ޝުކާ، ދުނިޔޭގެ އެއްވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަން އަދި ސްރީލަންކާ އަދި މުޅި ދުނިޔޭގެ ލެވަލްގައި ވެސް މަގުބޫލު ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ ހިމެނެއެވެ.
މީގެ އިތުރުން އަވައްޓެރި ސްރީ ލަންކާގެ ކުޅިވަރު ވަޒީރު ނަމާލް ރާޖަޕަކްސާ އާއި ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު އަހްސަން ރެސެލްގެ އިތުރުން ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ވެސް އެ ހަފްލާގައި ބައިވެރިވާނެ ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފައެވެ.