13 Mar 2022, 10:36
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.
މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑު ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްގެ އަތް މަތިންނެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ޓޮޓެންހަމުން ވެސް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން އެވެ. އެއީ ޔުނައިޓެޑްގެ އޭރިޔާ ތެރެއިން އެ ޓީމުގެ އަލެކްސް ޓެލޭސް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ދެ މިނެޓު ފަހުން މެޗުގެ 37 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އެއީ ޔުނައިޓެޑްގެ ޖޯޑަން ސަންޗޯ ދިން ޕާހަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ދެ ވަނަ ހާފުގެ 72 ވަނަ މިނެޓުގައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަވީ ޔުނައިޓެޑްގެ ކްޕެޓަން ހެރީ މެގުއާގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެއީ ޓޮޓެންހަމްގެ ސާޖް ރެގީއޯން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ އަލެކްސް ޓެލޭސް ނެގި ކޯނަރަކުން ބޮލުން ގޯލު ޖަހައިގެންނެވެ.
ރޭގެ ހެޓްރިކާއެކު ޖުމުލަ 807 ގޯލާއެކު ރޮނާލްޑޯ ވެފައިވަނީ ފުޓުބޯޅައިގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.
ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑް ހަތަރު ވަނައަށް އެރީ 29 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އެއް ވަނައިގައި ސިޓީ އޮތީ 28 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 28 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީއަށް 27 މެޗުން ލިބެނީ 56 ޕޮއިންޓެވެ.