13 Mar 2022, 08:02
އެއީވެސް އާދައިގެ ދުވަހެކެވެ. އަހަރެން މިންހާގެ ކޯލުތައް އަޑުއަހަމުން ދިޔައީމެވެ. އިއްތިފާޤަކުން އަހަންނަށް މިންހާއާ އާހިލްގެ ކޯލެއް އަޑު އަހަން ފެށުނެވެ. މީހުން ފޯނުން ދައްކާ ވާހަކަ އަޑު އެހުމަކީ ރަނގަޅުކަމެއް ނޫންކަންވެސް އަހަންނަށް އެނގެއެވެ. އެހެންނަމަވެސް، ކުރާނީކީއްހެއްޔެވެ؟ އަހަރެންގެ ބަސްނާހާ ހިތް އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. އެ ކޯލަށްފަހު އަހަރެން މިންހާގެ ލޯބިވެރިޔާ އާހިލްގެ ފޯނު ކޯލެއް އަޑު އަހަންފެށީމެވެ. އެއާއެކު އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ.
އާހިލް އަކީ މީހަކާ އިނދެގެން އުޅޭ މީހެއްކަން އަހަންނަށް އެނގުމާއެކު، މިންހާއާ މެދު އިންތިހާ ކަންބޮޑުވެވުނެވެ. އެ ކަންބޮޑުވުން އިތުރުވީ އާހިލް އެހެން އަންހެން ކުދިންނާވެސް ބާއްވަން ނުޖެހޭ ގުޅުންތައް ބާއްވަމުން ގެންދާކަށް އެނގުމުންނެވެ. އާހިލްއަކީ މާބުރުގެ އުސޫލު ގެންގުޅޭ މީހެއްކަން އަހަންނަށް އެނގުމާއެކު އާހިލްގެ އެ މަކަރުވެރިކަމުން މިންހާ ސަލާމަތްކުރަން އަހަރެން ބޭނުންވިއެވެ. މިންހާ އާހިލް ދެކެ އިންތިހާ ލޯބިވާއިރު، އަހަރެންފަދަ ނުދަންނަ މީހަކު މިންހާއަށް އެ ހަޤީގަތް އަންގައިދޭން ހަދާނީ ކިހިނެއްކަމަށް ވިސްނަވިސްނާވެސް އަހަންނަކަށް ނޭނގުނެވެ.
މިންހާ އާހިލްގެ ކިބައިން ސަލާމަތްކުރާނެ ގޮތަކާމެދު ރެއާ ދުވާލު އަހަންނަށް ވިސްނެމުން ދިޔައެވެ. އެ އަންހެން ކުއްޖާއަށްޓަކައި ހިތުގައިވާ އިޙްސާސްތައް ދުވަހެއް ދުވަހެއް ފުންވަމުން ދިޔައެވެ. އަހަންނަށް އިތުގެ އިޙްސާސްތައް ކިޔަމަން ކުރުމަކީ އުނދަގޫކަމަށް ވެއްޖެއެވެ. ރެއާ ދުވާލު މިންހާއާ މެދު ވިސްނެނީއެވެ. އާހިލްގެ މަކަރުވެރިކަން އެނގޭދުވަހު މިންހާއަށް ވާނެ ގޮތް އަހަންނަށް އަންދާޒާވެސް ނުކުރެވެއެވެ. އެއީ މިންހާ އާހިލް ދެކެ އިންތިހާ ލޯބިވާކަން އަހަންނަށް އެނގެއެވެ. އެހެންނަމަވެސް އާހިލްފަދަ މަކަރުވެރިޔަކާއެކު މިންހާގެ ދިރިއުޅުން އުޖާލާ ނުވާނެކަންވެސް އަހަންނަށް އެނގެއެވެ.
އެއީ ވެސް އެފަދަ ދުވަހެކެވެ. އަހަންނަށް މިންހާގެ ބައްޕަ ބަލިކަން އެނގުނީވެސް މިންހާގެ ކޯލެއް އަޑު އެހި ދުވަހެއްގައެވެ. މިންހާގެ ބައްޕަގެ ޙާލު ވަރަށް ސީރިއަސްކަމާއި، ރަށު ސިއްޚީ މަރުކަރުގައި އެޑްމިޓްކޮށްފައިވާކަން އެނގުމާއެކު އަހަރެން މިންހާ ކައިރިއަށް ދާން ބޭނުންވިއެވެ. އަހަރެންގެ ސެކެޓްރީކައިރީގައި ބުނެގެން މިންހާގެ ބައްޕަގެ ޙާލަތު އޮޅުން ފިލުވޭނޭ ގޮތެއް ވޭތޯ ބެލީމެވެ. އެހެންނަމަވެސް އެކަމަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނީ އެ ރަށުގައިވެސް އަހަރެމެން ދެމީހުން ކުރެ ދަންނަ އެކަކުވެސް ނެތީތީއެވެ. މިންހާގެ ބައްޕަގެ ޙާލު އަހަންނަށް އެނގެނީ އަހަރެން އަޑު އަހަމުންދިޔަ ކޯލު ރެކޯޑުތަކުން އެކަންޏެވެ. އެގޮތުން އާހިލްއާ މިންހާގެ ކޯލުތައްވެސް އަހަރެން އަޑު އެހީމެވެ. މިންހާ އާހިލް ކައިރީގައި އޭނާގެ ގާތަށް އައުމަށް އާދޭސްކޮށްފައި ހުރި ކޯލު ރެކޯޑުތައްވެސް އަޑު އެހީމެވެ. މިންހާ ރޯ އަޑު އިވުުމުން އަހަންނަށް ބުނެދޭން ނޭނގޭ އުދަގުލެއް ވިއެވެ. އާހިލް މިންހާގެ ކައިރިއަށް ނުދާނެކަމުގައި އަހަރެން މިންހާއަށް އަންގައިދޭނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.
އެ ހިސާބުން އަހަރެން ގޮތެއް ނިންމީމެވެ. މިންހާމެން ރަށަށް ދިޔުމަށެވެ. މިންހާގެ ބައްޕައާ ބައްދަލުކުރުމަށެވެ. ކޮންމެ ގޮތަކުންވެސް މިންހާ އާހިލްގެ މަކަރުވެރިކަމުން ސަލާމަތްކުރުމަށް އަހަރެން ބޭނުންވިއެވެ. އަހަރެން ހަޤީގަތުގައިވެސް މިންހާ ދެކެ ލޯބިވާތީއެވެ. އަހަރެން އެރަށަށް ގެންދިޔައީ އަހަރެން މިންހާ ދެކެ ވީ ލޯތްބެވެ. އަންހެން ކުއްޖަކަށްޓަކައި އަހަރެންގެ ހިތުގައި ޖަހަމުންދިޔަ އެ އާދަޔާ ޚިލާފް ވިންދުގެ ސަބަބުން ޚުދު އަހަންނަށްވެސް ކުރެވެނީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސްއެކެވެ.
ޖެހިގެން އައި ދުވަހު އަހަރެން އެ ރަށަށް ދާން ފުރައިފީމެވެ. ރަށަށް ދެވޭ ވަރުވީ ގައިގަނޑަކަށް އެއްގަޑިއިރާ ސާޅީސް ފަސްމިނިޓްގެ ދަތުރަކަށް ފަހުއެވެ. ލޯންޗުގައި އިށީނދެގެން އިނުމަށްފަހު، ރަށުގެ މަލަމަތި ފެނުމާއެކު އަހަރެން ތެދުވެލީމެވެ. އެއަށްފަހު ބޭރަށް ނުކުމެލީމެވެ. ރާއްޖޭގެ މާގިނަ ރަށްތަކަކަށް ދެވިފައި ނެތްނަމަވެސް، އެއީ އެހެން ރަށްރަށާ ބަލާފައި ބޮޑުރަށެކެވެ. ދުރުދުރުންވެސް ފެންނަނީ ފެހިކަން ގަދަ ގަސްތަކެވެ. ސާފު ބިއްލޫރިކޮޅެއްފަދަ މޫދާ ރަށުގެ ދެފަރާތުން ފެތުރިފައިވާ ތުނޑީގެ ހުދު ދޮންވެލި ގަނޑު ފެނުމުން ވެސް ގުދުރަތީ ފުރިހަމަކަން ތަސައްވަރު ކޮށްލެވުނެވެ. ލޯންޗް ބަނދަރަށް ކައިރިކޮށްލުމާއެކު އަހަރެން ފޭބީމެވެ. ރަށުގެ ސިއްޚީ މަރުކަޒާ ދިމާލަށް ހިގައިގަންނާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. މެންދުރުގެ ވަގުތަށް ވުމާއެކު ވެސް އެއްފަރާތުގައި ބަހައްޓާފައި ހުރި ޖޯލިތަކުގައި މެދު އުމުރާ ދޮށީ އުުމުރު ފުރައިގެ މީހުން އޮލަ ވާހަކައެއްގައި ތިއްބެވެ. އަހަރެން އަވިއައިނު އަޅައިލީމެވެ. މަޑުމަޑުން އެ ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ މަޤްސަދަކަށްވީ ރަށުގެ ސިއްޚީ މަރުކަޒު ހުންނަ ދިމާ އޮޅުން ފިލުވުމެވެ. އެ ހިސާބަށް އަރާ ހަމަ ވުމަށްފަހު އަހަރެން ބޭބޭ އޭ ކިޔާފައި އެކަކަށް ގޮވައިލީމެވެ. އެއާއެކު އެމީހުން ދައްކަން ތިބި ސިޔާސީ ވާހަކަ ހުއްޓައިލުމަށްފަހު އަހަންނަށް ސަމާލުކަން ދިނެވެ.
އެންމެން އަހަންނަށް ބަލަން ފެށުމުން އެ ގަޑީގައި ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އެކަކު އަހަންނާ ދިމާލަށް ބަލައިލުމަށްފަހު ދިވެއްސެއްހޭ ކިޔާ ސުވާލުކޮށްލުމާއެކު އަހަރެން ލުއިކޮށް ހީލުމަށްފަހު އާއެކޭ ބުނެލީމެވެ. ރަށުގެ ސިއްޚީ މަރުކަރު ހުންނަ ތަނާ ބެހޭ ގޮތުން ސުވާލުކުރުމުން އެތަނުން މީހަކު ރަށުގެ ހުރަސްމަގާ ދިމާ އިޝާރާތްކޮށްލަމުން އެ މަގުން ދާށޭ ބުނެލިއެވެ. އެމީހުންނަށް ޝުކުރު އަދާކޮށްފައި އަހަރެން އެ ބުނި މަގާ ދިމާލަށް ގިނގައިގަތީމެވެ. ބަދަރުމަތީގައި ކޮންމެވެސް ވަރަކަށް ގަސްތައް ހުރިނަމަވެސް، އަވި ގަދައެވެ. ހިޔާ އޮތީ ވަރަށް ކުޑަކޮށެވެ. އެ ބުނި މަގަށް އަޅާ އަހަރެން ކުރިއަށް ހިނގަން ފެށީމެވެ. އެ މަގުގައި ހުރި ސަރުކާރުގެ އޮފީސްތައް އަހަންނަށް ފެނުނެވެ. ކުރިއަށް ހިނގަމުން ދިޔަވަރަކަށް މަގުގެ ދެފަރާތުގައި ބޮޑެތި ގަސްތައް ހެދިފައިވާތީ ހިޔަލުގެ ސަބަބުން ވަމުންދިޔަ ހޫނު ކޮންމެވެސް ވަރަކަށް މަޑުވިއެވެ. ރަށުގެ ސިއްޚީ މަރުކަޒު ހުރީ މީހުން ދިރިއުޅޭ އެންމެ އެއްގަމު ހިސާބުގައެވެ.
ދަބަސް ހިފައިގެން އަހަރެން އެތެރެއަށް ވަނީމެވެ. އޭރުވެސް އަހަރެން ހުރީ އަވިއައިނު އަޅާލައިގެންނެވެ. އެތެރޭގައި ތިބި އަންހެން ކުދިންގެ ކަތި ނަޒަރުތައް އަހަންނަށް އަމާޒުވިއެވެ. އަހަރެން މަޑުމަޑުން ކައުންޓަރާ ކައިރިވެލީމެވެ. އެވަގުތު، އެތަނުގައ ހުރި ކުއްޖަކު އަހަންނަށް އިނގިރޭސިބަހުން ސުވާލުކޮށްލިއެވެ. މިންހާގެ ބައްޕަގެ ނަން ބުނެލުމަށްފަހު އޮެތްތަނާ ބެހޭގޮތުން އަހަރެން ސުވާލުކޮށްލީ ދިވެހިންނެވެ. އަހަރެން ދިވެހިން ވާހަކަ ދެއްކުމުން އެ ކުއްޖާ ކުޑަކޮށް ހައިރާންވިކަން އަހަންނަށް ޔަޤީންވިއެވެ. ލުއިކޮށް ހިނިތުންވެލުމަށްފަހު، އެ ކުދިން ދައްކައިލި ވޯޑާ ދިމާލަށް އަހަރެން ހިނގައިގަތީމެވެ. އެއަށްފަހު ގޮސް އެތެރެއަށް ވަނީމެވެ. އެތަނުގައި އޮތީ އެންމެ ބަލި މީހެކެވެ. އެހެންކަމުން އެއީ މިންހާގެ ބައްޕަކަން ދެނެގަންނަން އަހަންނަށް އުނދަގުލެއް ނުވިއެވެ. މަޑުމަޑުން އަހަރެން އެ ދިމާލަށް ހިނގައިގަތީމެވެ. އޭރު މިންހާގެ ބައްޕަ އޮތީ ހޭލައެވެ.
އަހަރެން އެނދާ ކައިރިއަށް ޖެހިލުމަށްފަހު ގޮވައިލީމެވެ. އެއާއެކު މިންހާގެ ބައްޕަ އަހަންނަށް ބަލައިލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. މިންހާގެ ބައްޕަހޭ ކިޔާ ސުވާލުކޮށްލުމުން އަހަންނަށް މިންހާ އެނގެނީ ކިހިނެއްހެއްޔޭ ބައްޕަ ސުވާލުކޮށްލިއެވެ. އަހަރެން ލުއިކޮށް ހިނިތުންވެލުމަށްފަހު ގޮނޑީގައި އިށީނދެލީމެވެ. އެއަށްފަހު، އެއީ ވަރަށް ދިގު ވާހަކައެއްކަމުގައި ބުނީމެވެ. އަހަންނަށް މިންހާ އެނގުނު ކަމުގައިވީ ނަމަވެސް، މިންހާއަށް އެއްވެސް ވަރަކަށް އަހަރެން ނޭނގޭނެކަމަށް ބުނީމެވެ. އަހަންނަކީ މިންހާއަށް ބީރައްޓެއްސެއް ކަމުގައި ބުނީމެވެ. އެއާއެކު އަހަންނަށް މިންހާ އެނގެނީ ކިހިނެއްތޯ ބައްޕަ އަނެއްކާވެސް ސުވާލުކޮށްލިއެވެ. އަހަރެން ހިނިތުންވެލަމުން ފުންނޭވާއެއް ދޫކޮށްލީމެވެ.
ހިތްވަރުކޮށްފައި އަހަރެން މިންހާގެ ބައްޕަކައިރީގައި އަހަރެން ބޭނުންވަނީ މިންހާއާ ކައިވެނިކުރަންކަމުގައި ބުނީމެވެ. އަހަރެން އެހެން ބުނުމާއެކު،ބައްޕަގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. މިންހާއަށް އަހަރެން ނޭނގޭއިރު، އަދި ޚުދު ބައްޕައަށްވެސް އަހަރެން ނޭނގޭއިރު ހުރި ހަމައެކަނި އަންހެން ކުއްޖާ ނުދަންނަ މީހަކާ ހަވާލުކުރާނީ ކިހިނެއްހެއްޔޭ ބައްޕަ ސުވާލުކޮށްލިއެވެ. އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ. ބައްޕަގެ އަތުގައި މަޑުމަޑުން ހިފައިލީމެވެ. އަހަންނަކީ މިންހާއަށް ފަހަރެއްގައިވެސް ދެރައެއް ދޭނެ މީހެއް ނޫންކަމުގައި ބުނީމެވެ. މިންހާގެ ދިރިއުޅުމުގެ ކަންތައްތައް އަހަންނަށް އެނގޭކަމުގަޔާއި، މިންހާ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އަހަންނަށް އެނގޭކަމުގައި ބުނީމެވެ. އަދި ވަރަށް ތަފްސީލްކޮށް އެއީ ކޮން ކަހަލަ މީހެއްކަން އަހަރެން ބައްޕައަށް ކިޔައިދިނީމެވެ. އަހަންނަށް މިންހާ އެނގުނު ގޮތްވެސް ވެސް ކޮންމެވެސް ވަރަކަށް ކިޔައިދިނީމެވެ. އަދި އަހަރެން މިންހާއަށް ދެރަގޮތެއް ވާން ނޭނދޭ ކަމުގައި ބުނީމެވެ. އަހަރެންގެ ވަނަވަރާ އަހަރެން ކުރާ މަސައްކަތްވެސް ބައްޕައަށް ތަފްސީލްކޮށްދިީމެވެ. އަދި އަހަރެން މިންހާއަށް ދުވަހަކުވެސް ދެރައެއް ނޭނދޭނެކަމަށް ބުނީމެވެ. ބައްޕަ ދުނިޔޭގައި މިންހާގެ ކައިވެނި ކުރެވިގެން ދިޔުމަކީ ބައްޕަ ދެކެން ބޭނުންވާ އެންމެ ބޮޑު ހުވަފެންކަމުގައި ބައްޕަ ބުންޏެވެ. ބައްޕަގެ ޙާލަތު އަމިއްލައަށްވެސް ވަޒަންކުރެވޭކަމަށާއި މަރުވުމުގެ ކުރިން މިންހާއަށް އުޅެވޭނޭ މަގެއް ތަނަވަސްކޮށްދޭން ބޭނުންވާކަމަށް ބުނެލިއިރު، ބައްޕަގެ ދެލޮލުން އަހަރެން ކަރުނަތައް ދުށީމެވެ. އަހަރެންގެ ދެލޮލަށް ބަލައިލުމަށްފަހު، އަހަރެންގެ ތެދުވެރިކަން ވަޒަންކޮށްލެވިއްޖެކަމުގައި ބައްޕަ ބުންޏެވެ.
އަހަރެންނަށް ބަލައިލުމަށްފަހު، ހިނިތުންވެލުމަށްފަހު ބައްޕަ ބުނީ މިންހާއަށް ރަނގަޅަށް ބެލުމަށެވެ. އޭނާ ދުނިޔެ ދޫކުރުމުގެ ކުރިން މިންހާ އިރާދުކުރެއްވިއްޔާ ޝިޒާންގެ އަމާނާތަކަށް ވާނޭކަމުގައި ބައްޕަ ބުނެލިއެވެ. އެއާއެކު އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެލިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އަހަރެންގެ ތުންފަތް މަތީގައިވީ ހިނިތުންވުން ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ. އެކަމާ ބެހޭގޮތުން ބައްޕަ އަހަންނާ ސުވާލުކުރިއެވެ. އަހަރެން ބައްޕައަށް އެއްވެސް ކަމެއް ސިއްރުނުކޮށް ކިޔައިދިނީމެވެ. މިންހާ އާހިލްދެކެ އިންތިހާ ލޯބިވާކަމުގައި ބުނީމެވެ. އާހިލްގެ ބޭފަވާތެރިކަން މިންހާއަށް އެނގޭދުވަހު މިންހާއަށް ވާނޭ ގޮތެއް ނޭނގެޔޭ ބުނީމެވެ. ވީއިރު އެކަންތައް މިންހާއަށް ސިއްރުކޮށްދިނުމަށް އެދުނީމެވެ. އެ ނޫންވެސް އިތުރުއެތަކެއް ވާހަކައެއް އަހަރެން ބައްޕައާ ދެއްކީމެވެ. މިންހާ އައިސް ވަނީވެސް އަހަރެ އެހެން އިންދައެވެ.
މިންހާ ފެނުމާއެކު އަހަރެންނަށް ހިތާހިތުން މިންހާގެ ރީތިކަމަށް ތަޢުރީފްކުރެވެން ފެށިއެވެ. ފޮޓޯތަކުން ފެންނަވަރަށް ވުރެ މިންހާ ކިތަންމެހާވެސް ރީއްޗެވެ. އޭނާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތާ އެ އަލި ހަންގަނޑުގެ އިތުރުން ކޮޕަ ބޮލޮކްޑްކުލައިގެ އިސްތަށިގަނޑުވެސް އެހާ ހިތްގައިމެވެ. އެ ރީތިކަމުގެ ސަބަބުން އަހަންނަށް ކަޅިވެސް ޖަހައިނުލާ މިންހާއާ ދިމާލަށް ބެލެން ފެށުނެވެ. މިންހާއާ ނަޒަރު ވަކިކޮށްލަން ބޭނުންވިނަމަވެސް، އަހަންނަށް އެކަން ކުރަން އުނދަގޫވިއެވެ. މިންހާއަށްޓަކައި އަހަރެންގެ ހިތުގައި އުފެދިފައިވާ އިޙްސާސްތަކާ ޖަޒުބާތުތަކުގެ ބާރުގަދަކަން އަހަންނަށް އަންދާޒާކޮށްލެވުނެވެ.
(ނުނިމޭ)