15 Mar 2012, 15:22
މިސީޒަން ނިމުމުން މެންޗެސްޓާ ޔުނައިޓެޑްގެ ބަލްގޭރިޔާ ފޯވާޑް ޑިމިޓާ ބާބަޓޯވް އެހެން ކުލަބަކުން ފެނުން ގާތްކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
ޓޮޓެންހަމް ހޮޓްސްޕާ އިން ވިދާލުމަށް ފަހު، 2008 ވަނަ އަހަރު މެންޔުނައިޓެޑާއި ބާބަޓޯވް ގުޅުނީ 30.75 މިލިޔަން ޕައުންޑްގެ އަގަކަށެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ބާސާ އާއި ދެކޮޅަށް މެންޔުނައިޓެޑް ކުޅެ ބަލިވި މެޗަށްފަހު، ބާބަޓޯޥް ދަނީ އެޓިމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އުންދަގޫތަކަކާއި ކުރިމަތިލަމުންނެވެ.
"ބާބަޓޯވް ބޭނުންވަނީ ފުރަތަމަ އެގާރައިން ޖާގަ ހޯދަން. އެހެން ނަމަވެސް ފުރަތަމަ އެގާރައިން 31 އަހަރުގެ ބާބަޓޯވް އަށް ޖާގަ ދެވޭނެކަމުގެ ޖަގީންކަމެއް ނެތް. އެހެންކަމުން މިސީޒަން ނިމުމުން އެހެން ސީޒަނަކުން ބާބަޓޯވް ފެނުން ވަރަށް ގާތް." ފާގަސަން ބުންޏެވެ.
ބާބަޓޯވް އަކީ ނުރައްކާތެރި ފޯވާޑެއްކަން އޭނާ ވަނީ ސާބިތު ކޮށްދީފަ އެވެ. އެގޮތުން މިސީޒަނުގައި މެންޔުނައިޓެޑް ޓީމަށް ކުޅެލަން ލިބުނު މަދު ފުރުސަތުތަކެއްގެ ބޭނުން ހިފައި އެޓީމަށް ލަނޑުތަކެއް ވެސް ކާމިޔާބު ކޮށްދީފައި ވެއެވެ. މެންޔުނައިޓެޑާއި ބާބަޓޯވް އާއި ދެމެދު ހަދާފައިވާ އެއްބަސްވުން މިސީޒަން ނިމުމުން ހަމަވާނެ އެވެ.