އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުތަކުގެ ތެރެއިން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްއެސްއެލް) އިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ބަލިކުރިއިރު ސްކޫލް އޮފް ނާސިން (އެސްއެން) އަތުން ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްޗްއެސް) ބަލިވެއްޖެއެވެ.

ދިވިހެރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލުގައި މިރޭ ކުޅުނު މި ދެމެޗުގެ ތެރެއިން އެފްއެސްއެލް އާއި އެފްއެޗްޓިއެސް ބައްދަލުކުރި މެޗު ނިމުނީ ސީދާ ދެ ސެޓުން އެފްއެސްއެލް މޮޅުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު އެފްއެސްއެލްއިން ކާމިޔާބުކުރީ 25-13 އިންނެވެ. އަދި ދެވަނަ ސެޓު ގެންދިޔައީ 25-10 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްއެސްއެލްގެ ޖާޒީ ނަންބަރު 4، މަރިޔަމް ޝަހާމާއެވެ.

އެފްއެސްއެލްއާއި އެފްއެޗްޓީއެސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ މީޑިއާ

މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު އެސްއެން ވަނީ ދެ ސެޓުން އެފްއެޗްއެސް މިރޭ ބަލިކޮށްފައެވެ.

އެ މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ވަނީ ފެނިފައެވެ. އެ ސެޓު އެސްއެން ކާމިޔާބުކުރީ 25-16 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ސެޓު އެސްއެން ކާމިޔާބުކުރީ 25-09 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.