12 Mar 2022, 20:10
މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ޒަޚަމްވި ބިދޭސީއަކަށް ފަރުވާ ދޭން ފަށައިފިއެވެ.
އެ މާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:00 ހާއިރުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, އެ މާރާމާރީ ހިންގާފައިވަނީ ކުރިކީލަ މަގާއި ޗާންދަނީ މަގާ ގުޅުނު ހިސާބުގައި ކަމަށެވެ. އަދި އަނިޔާ ލިބުނު ބިދޭސީމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު މައްސަލަ އަންނަނީ ތަހްގީގު ކުރަމުންނެވެ. ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.