12 Mar 2022, 19:54
ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އިއްޔެ އދ. މަހިބަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އުޅޭ އިންޑިއާގެ އަސްކަރީ ސިފައިންގެ އަތުގައި ހަތިޔާރު އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެއީ އުތުރުތިލަފަޅުގައި އުޅޭ އިންޑިއާގެ އަސްކަރީ ސިފައިންނަށް ހަތިޔާރު ގެނައުމުގެ ހުއްދަ ސަރުކާރުން އޮތީ ދީފައި ކަމަށެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ހަތިޔާރު ހިފައިގެން ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނެތް ކަމަށެވެ. އަދި އުތުރުތިލަފަޅުގައި ތަރައްޤީ ކުރަމުން އަންނަ ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައި ވެސް ހަތިޔާރު އެޅި އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ޤައުމުގައި އޮތް އަމާންކަމާއި ސުލްހަވެރިކަން ގެއްލުވާލުމުގެ އިތުރުން ދިވެހި ސިފައިންގެ ނަޒާހަތްތެރިކަން ގެއްލުވާލުމުގެ ގޮތުން ހަޤީގަތާ ޚިލާފް ދޮގު ވާހަކަތައް ނުފެރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މީގެ އިތުރުން ޤައުމުގެ ސަލާމަތާއި މިނިވަންކަން ދެމެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަމާއެކު ދެމި އޮންނާނެ ކަމުގެ ފުރިހަހަމަ ޔަޤީންކަން ވަނީ ދިވެހި ރައްޔިތުންނަށް ދީފައެވެ.