ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފަތުރުވެރިން އެއާޕޯޓުގައި އުފުލަނީ އެމްއެންޑީއެފްގެ ވެހިކަލްތަކުގައިކަން ހާމަވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި އަންނަ ފަތުރުވެރިން އެމްއެންޑީއެފްގެ ވެހިކަލްތަކަލްތަކުގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއިޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އައިޝަތު ޖެނީފާ "ސަން"އަށް ވިދާޅުވީ މި ސީޒަން ތެރޭގައި އެމްއެންޑީއެފްގެ ވެހިކަލްތައް ފަސިންޖަރުން އުފުލުމަށް ބޭނުންކުރާކަމަށެވެ.

އޭނާ ވިދާޅުވީ ފަސިންޖަރުން އުފުލުމަށް އެމްއެންޑީއެފްއާ އެކު އެއްބަސްވެފައިވާކަމަށެވެ.

"އެކަމަކީ އަޅުގަނޑުމެން ސިއްރުން ކުރާ ކަމެއް ނޫން. އަޅުގަނޑުމެން އޮންނާނެ އެމްއެންޑީއެފްއާ އެކު ފަސިންޖަރުން އުފުލުމަށް އެއްބަސްވެފައި،" ޖެނީފާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސީޒަނާ ދިމާކޮށް ފަސިންޖަރުން އަންނަ އަދަދު ގިނަވުމުގެ ސަބަބުން މިވަގުތު ހަމައެކަނި މޯލްޑިވިއަންގެ ވެހިކަލްތަކުގައި އުފުލުމަށް ދަތިވެފައިވާކަމަށެވެ.

އެހެންކަމުން މި ދުވަސްވަރު ބޭނުންކުރުމަށް މޯލްވިއަންއިން ވެހިކަލަށް އޯޑަރު ކޮށްފައިވާނެކަމަށް ވެސް ޖެނީފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ ސީޒަނަށް ވެހިކަލް ގެނައުމަށް މިހާރު އޯޑަރު ކޮށްފައި. އެހެންނަމަވެސް އަދި އެ އެއްޗެހި މިކޮޅަށް އައިސްފައެއްނުވޭ،" ޖެނީފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުންމީދަކީ މި މަހުގެ ތެރޭގައި މޯލްޑިވިއަންގެ ވެހިކަލްތައް ލިބުންކަމަށެވެ.

އެމްއެންޑީއެފްގެ ވެހިކަލްތަކުގައި މޯލްޑިވިއަންގެ ފަތުރުވެރިން އުފުލާތީ މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.