12 Mar 2022, 20:18
މޮސްކޯ (12 މާޗް 2022) : ރަޝިއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން ފަޒާގެ ޓެކްނޮލޮޖީގައި އެެމެރިކާއަށް ވަރަށް ބޮޑުވާނެކަމަށާއި އަދި 2025 ވަނައަހަރަށް ދާއިރު ރަޝިއާގެ އަމިއްލަ އިންޓަނެޓް ނިޒާމެއްވެސް ދުނިޔޭގައި އޮންނާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.
ރަޝިއާގެ ޕާލަމެންޓް ކަމަށްވާ "ދޫމާ" ގައި ވަހަކަ ދައްކަވަމުން ރަޝިއާގެ ފަޒާއާބެހޭ އިދާރާ "ރޮސް ކޮޒްމޮސް"ގެ ޑައިރެކްޓާ ޖެނެރަލް ޑިމިޓްރީ ރޮގޮޒިން ވިދާޅުވީ ރަޝިއާ އާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން ފަޒާގެ ޓެކްނޮލޮޖީގައި އެންމެ ބޮޑަށް ލިބޭނެ އެއްގައުމަކީ އެމެރިކާ ކަމަށާއި އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތަކަށްވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއަށް ލިބޭނެ އެއްދާއިރާއަކީ ފަޒާގެ ޓެކްނޮލޮޖީގެ ދާއިރާއާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ކަމަށާއި އެމެރިކާއިން ފަޒާއަށް ފޮނުވާ އުޅަނދުތަކާއި ރޮކެޓްތަކުގެ ބައެއް ބައިތައް އުފައްދަނީ ރަޝިއާގެ ފަންނީ އެހީގެ އިތުރުން ރަޝިއާއިން އުފައްދާ ނާދިރު އެތައް މައުދަނެއް ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެހީއާއި މައުދަންތައް އެމެރިކާއަށް ފޯރުކޮށްދިނުން ރަޝިއާއިން މިހާރު މަނާކުރުމުން އެމެރިކާގެ ފަޒާއާބެހޭ ޓެކްނޮލޮޖީއަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް އޭނާ ވިދާޅވިއެވެ.

ރަޝިއާގެ ފަޒާއާބެހޭ އިދާރާގެ ވެރިޔާ ޑިމިޓްރީ ރޮގޮޒިން
ރަޝިއާގެ ފިޔަވަޅުތަކުގެ ސަބަބުން ކުރުމުއްދަތެއްގެ ތެރޭގައި އެކަނިވެސް އަށް ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް އެމެރިކާގެ ފަޒާއާބެހޭ ސިނާއަތަށް ލިބޭނެކަމަށް ރޮގޮޒިން ވިދާޅުވިއެވެ. މިއާއެކު ފަޒާއާބެހޭ ބައެއް ސިނާއަތްތައް އެމެރިކާ ހުއްޓާލަންޖެހޭނެކަމަށްވެސް ރޮގޮޒިން ވިދާޅުވިއެވެ.
ރަޝިއާގެ ޕާލަމެންޓް ކަމަށްވާ "ދޫމާ" ގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ރޮގޮޒިން ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފަޒާގެ ސިނާއަތާއި ފަޒާގެ ޓެކްނޮލޮޖީގައި އެމެރިކާއަށް ލިބޭނެގެއްލުންތައް އެމެރިކާ ސަރުކާރުން ސިއްރުކޮށް އެއާބެހޭގޮތުން ވާހަކަދެއްކުމަށް ފަސްޖެހޭ ކަމުގައެވެ.
ރަޝިއާއަކީ ފަޒާގެ ބައެއް ޓެކްނޮލޮޖީގައި އެމެރިކާއަށްވުރެވެސް ކުރިއަރާފައިވާ ގައުމެކެވެ. އެމެރިކާގައި ފަޒާއަށް މީހުން ގޮވައިގެން ދަތުރުކުރާނެ ޖައްވީ އުޅަނދެއް ނެތްތާ އެތަށް އަހަރެއްވެފައިވާއިރު އެމެރިކާއާއި ރަޝިއާ ގުޅިގެން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް ބޭނުންވާ މީހުންނާއި ކާގޯ (ކާބޯތަކެއްޗާއި ފަންނީ ސާމާނު) ގެންދިޔުމަށް ބޭނުންކުރަނީވެސް އެކަމަށް ޚާއްސަކޮށްގެން ރަޝިއާ އުފައްދާފައިވާ ސޮޔޯޒް ރޮކެޓެކެވެ.
ރޮގޮޒިން ވިދާޅުވިގޮތުގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަންގެ ބެލެހެއްޓުމުގައި ރަޝިއާއަށްވެސް ބައެއް ދަތިތައް ކުރިމަތިވާނެއެވެ. ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަންގެ މުއްދަތު ހަމަވެ އެސްޓޭޝަން ބައުވަމުންދާތީ ރަޝިއާ މިހާރު ގެންދަނީ ރަޝިއާގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ފަޒާގައި ބިނާކުރަމުންނެވެ.
ޗައިނާވެސް އެގައުމުގެ އަމިއްލަ ސްޓޭޝަނެއް ފަޒާގައި ބިނާކުރާއިރު އެމެރިކާއިން މިފަދަ ސްޓޭޝަނެއް ބިނާކުރުމުގެ ރޭވުމެއް އަދި ނުގެންގުޅެއެވެ. ރޮގޮޒިން ވިދާޅުވިގޮތުގައި ރަޝިއާ މިހާރު އިސްކަންދެނީ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން ދޫކޮށްލުމަށްފަހު ރަޝިއާގެ އަމިއްލަ ޖައްވީ ސްޓޭޝަނަށް ބަރޯސާވުމަށެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާ، ރަޝިއާ ދެކޮޅަށް އަޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަންގައި ހިމެނޭ ރަޝިއާގެ ފަޅި ދޫކޮށްލައި އެފަޅި ބިމަށް ވައްޓާލުމާމެދު ރަޝިއާގެ ސައެންސްވެރިން ވަރަށް އަވަހަށް ފަންނީގޮތުން ގޮތްތަކެއް ނިންމައި ރަޝިއާ ސަރުކާރަށް ހުށަހަޅާނެ ކަމަށް ރޮގޮޒިން ވިދާޅުވިއެވެ.
ރަޝިއާގެ އަމިއްލަ ޖައްވީ ސްޓޭޝަން ބިނާކުރުމުގެ މަސައްކަތް އެއްކޮށް ނިންމުމަށް ރަޝިއާ ރާވާފައިވަނީ 2025 ވަނަ އަހަރުގައި ކަމަށްވިޔަސް 2023 ވަނައަހަރުން ފެށިގެން އެސްޓޭޝަންގެ ބައެއް ބައިތަކުގައި ޖައްވީ ދިރާސާތަކާއި ތަހްލީލުތައް ކުރެވޭނެއެވެ. އެވަރަށް އެސްޓޭޝަން ގެ ބައެއް ބައިތައް ނިންމާނެކަމަށް ފަޒާއާބެހޭ އިދާރާ "ރޮސް ކޮޒްމޮސް" އިން ކުރިން ބުނެފައިވެއެވެ.
ހުރިހާ ކަމެއްގައިވެސް ރަޝިއާ އަމިއްލަ ނަފްސަށް ބަރޯސާވުމަށްޓަކައި 2025 ވަނައަހަރަށް ދާއިރު ރަޝިއާއިން އަމިއްލަ އިންޓަނެޓެއް ގާއިމް ކުރާނެ ކަމަށްވެސް އެކަމުގެ މަސައްކަތްކުރާތާ އަހަރުތަކެއް ވެފައިވާކަން ރޮގޮޒިން ފާހަގަ ކުރެއްވިއެވެ.
ރަޝިއާގެ އިންޓަނެޓްއާ ބައެއް ސެޓަލައިޓްތައް ޖައްވަށް ފޮނުވައި ޓެސްޓްތައް ކުރަމުން ގެންދާއިރު އަނެއްބައި ސެޓަލައިޓްތައް ބިނާކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިޔަށްގެންދާކަން "ރޮސް ކޮޒްމޮސް" ޑައިރެކްޓާ ޖެނެރަލް ޑިމިޓްރީ ރޮގޮޒިން ރަޝިއާގެ ޕާލަމެންޓްގެ މެންބަރުންނަށް ހާމަކޮށް ދެއްވިއެވެ. ރަޝިއާގެ އިންޓަނެޓްގައި ބޭނުންކުރާ ސެޓަލައިޓްތަކުގެ ޓެކްނޮލޮޖީގެ ކޮލިޓީއާއި ފެންވަރު މާމަތިވާނެކަމަށްވެސް ރޮގޮޒިން ވިދާޅުވިއެވެ.