ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުން ދިޔަ ސިފައިންތަކެއްގެ ހާލު ދެރަވި މައްސަލަ ބެލުމަށް ކޮމިޓީއެއް ހަދައި، މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ސިފައިންގެ ތަމްރީނު ހަދަމުން ދިޔަ މީހަކު ހާލު ދެރަވެ، ފަރުވާ ދެނިކޮށް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މަރުވެފައެވެ. އަދި އިތުރު ދެ ސިފައިންގެ މީހަކަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޓްރެއިނިން ހަދަމުން ދިޔަ ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ، އޭގެ ތެރެއިން އެއް ކުއްޖަކު މަރުވެ، ދެވަނަ ކުއްޖަކަށް އައިސީޔޫގައި ފަރުވާކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފްއިން ހިތާމަ ކުރާ ކަމެއް ކަމަށެވެ.

މި ކަމުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން މިހާރު ކޮމިޓީއެއް އެކުލަވައިލައި، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެމްއެންޑީއެފުން މިކަމާ މެދު ރަސްމީކޮށް އެއްޗެއް ބުނާނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށެވެ.

އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކުހިމެނޭ ތަމްރީނުތަކެއް ކަމަށާއި މި ތަމްރީނުތަކަށް ނެގޭ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންގައި ބައިވެރިވެވޭ ކުދިން ކަން ވެސް މީޑިއާ އޮފިޝަލް ވަނީ ފާހަގަކުރައްވައިފައެވެ.