ދެހާސް ދިހަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާރާމާރީ ހިންގުމަށް ބޭންކުރާ ތޫނު ހަތިޔާރު ހިފައިގެން މާލޭ މަގުމަތީގައި އުޅުނު ކަމުގެ ތުހުމަތުގައި ނުރައްކާތެރި ކުށްވެރިންތަކެއްގެ މައްޗަށް ދައުލަތުން ކުރާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުނު ކަމުގެ ކުށުގެ ދައުވާއަށް ހެކިބަސް ދިން މީހަކު އަނެއްކާ ވެސް އޭނާ ތަހުގީގަށް ދިން ބަޔާނާއި އިދިކޮޅަށް ހެކިބަސް ދީފި އެވެ.

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުނު ކަމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ހ. އަގި، އަސީލު އިސްމާއިލް އާއި މ. ކޮޅުފުށީ ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމް އާއި ހ. ހަމަރޯޅި، ރިލްވާން ފަރުހަތު އަދި ގއ. ދާންދޫ ދިލްކަޝްވިލާ، ހައުޒާން ނިޒާމްގެ އިތުރުން ގއ. ވިލިނގިލީ ހިތިލާގޭ، މުހައްމަދު ނައްވިރުގެ މައްޗަށެވެ.

އެ މައްސަލައިގައި މިއަދު އޮތީ އަސީލު ފިޔަވައި އެހެން މީހުންގެ މައްޗަށް ހެކިބަސް ނެގުމެވެ.

މިއަދު ހެކިބަސް ނަގާފައި ވަނީ ދައުވާ ލިބޭ މީހުންނަށް ނުފެންނާނެ ހެން ވަކިތަނެއްގައި ހެކިބަސް ދޭ މީހުން ބެހެއްޓުމަށް ފަހު އެވެ.

ފުރަތަމަ ހެކިބަސް ދިން މީހާ އާއި ދައުލަތުގެ ވަކީލު ކުރި ސުވާލުތަކުގެ ޖަވާބުގައި އޭނާ ފުރަތަމަ ބުނީ ޑިސެމްބަރު، 18 2010 ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ބުނީ "އައުޒޭ" އާއި "ޝަޒިއްލޭ" ކިޔާމީހަކު ކަތިވަޅިއެއް ހިފައިގެން ހުއްޓާ ދުށް ކަމަށެވެ. އަދި "ބަނީ" ކިޔާ މީހަކު އެ ދުވަހު ކަނޑިއެއް ގެންގުޅުނުތަން ދުށް ކަމަށެވެ.

ހެކިބަސް ދެމުން އޭނާ އެބުނާ "އައުޒޭ" ޝަރީއަތުގެ މަޖިލީހުގައި އެބަ އިންތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ "ގަމީހެއް ލައިގެން އައިނު އަޅައިގެން" އިނީ އޭނާ ކަމަށެވެ. އައުޒޭގެ ފުރިހަމަ ނަން އެނގޭތޯ އެއްސެވުމުން އޭނާ ބުނީ ފުރިހަމަ ނަމެއް ނޭނގޭ ކަމަށާއި ހަމައެކަނި އެނގެނީ ވަނަން ކަމަށެވެ.

އެމީހާ "އައުޒޭ" ކަމަށް އެ ބުނި މީހައަކީ ގއ. ދާންދޫ، ދިލްކަޝްވިލާ ހައުޒާން ނިޒާމެވެ.

ޝިރުހާން ދަންނަން ތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ ޝިރުހާނަކީ އޭނާ ދަންނަ މީހެއް ނޫން ކަމަށާއި ނަމަވެސް ޓީވީއެމް އިން ޝިރުހާން ފެނުނު ފަހުން އޭނާ ޝިރުހާނު ދަންނަ ކަމަށެވެ. އޭނާ އެހެން ބުނެފައި ވަނިކޮށް ދެވަނަ ފަހަރަށް ޝަރީއަތަށް ހާޒިރުކޮށްފައި ތިބި މީހުން ހަތިޔާރު ހިފައިގެން ތިއްބާ އެ ދުވަހު ދެކުނިންތޯ އޭނާ އާއި ސުވާލު ކުރީ ޝިރުހާނާއި، ރިޟުވާނު ގެ ވަކީލު އެވެ.

ޖަވާބުގައި އޭނާ ބުނީ އެއިން އެއްވެސް މީހަކު ހަތިޔާރު ހިފައިގެން ތިއްބާ އޭނާއަށް ނުފެންނަކަމަށެވެ.

ތަހުގީގަށް ދިން ބަޔާނާއި އިދިކޮޅަށް ހެކިބަސް ދިނުމުން ދައުލަތުގެ ވަކީލު ވަނީ އޭނާ ތަހުގީގަށް ދިން ބަޔާން ޝަރީއަތަށް އިއްވާފަ އެވެ. އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނަނީ ޑިސެމްބަރު، 18، 2010 ދުވަހުގެ ރޭ 7:30 އެހާކަންހާއިރު އޭނާ އާއި ޝާމް ކިޔާ މީހަކު މަޖީދީ މަގުން ގޮސް އަބަދަށްފެހި މަގުން ދިޔަތަނާ އެތަނުން އެމީހުންނާއި ދިމާލަށް ޕްރާލްސްޓިކް ގޮނޑިއެއް އެއްލި ކަމަށެވެ. އެވަގުތު އެތާގައި ތިބީ މަސްއޮޑި ގުރޫޕް މީހުން ކަމަށެވެ.

އޭނާ ބުނީ އެވަގުތު އެތާގައި ހުރި "ޝިރޫ" (އަހުމަދު ޝިރުހާން ޝަމީމް) ގެ އަތުގައި ބެނެޓު ވަޅިއެއް އޮއްވާ ފެނުނު އިރު "ރިޟޫ" (ރިޟުވާން ފަރުހަތު) ގެ އަތުގައި ކަތި ވަޅިއެއް އޮއްވާ ފެނު ކަމަށެވެ. އަދި އެވަގުތު އެތަނުގައި އިތުރު ހަތް މީހަކު ހުރިކަމަށާއި އެމީހުންގެ ފުރިހަމަ ނަން ނޭނގޭ ކަމަށާއި އެނގެނީ ހަމައެކަނި އެމީހުންގެ ވަނަން ކަމަށް ވެސް ތަހުގީގަށް އޭނާ ދިން ބަޔާނުގައި ވެއެވެ. ތަހުގީގަށް ދިން ބަޔާނުގައި އެމީހުން ވަޅި ގެންގުޅުނުކަމަށް ބުނެފައި ވަނީ ކީއްވެތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ އެއީ ކީއްވެގެން ކަމެއް މިހާރު ހަނދާނެއް ނެތް ކަމަށެވެ.

ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ ހީވާގޮތުން އެ ހާދިސާ ހިނގާފައި ވަނީ ޑިސެމްބަރު 26 ނޫންނަމަ 27 ދުވަހުގެރޭގެ 8:30 ހާއި 9:30 އެހާކަން ހާއިރު މަޖީދީ މަގާއި ނިރޮޅި މަގުގައި ކަމަށެވެ.

ޝިރުހާން ކޮޅަށް ދެތުކުރުމަށް ފަހު އެއީ ކާކުތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ އެއީ ކާކުކަމެއް ނޭނގޭ ކަމަށެވެ. ދެން ޝިރުހާނު އަމިއްލައަށް ނަންބުނުމުން ވެސް އޭނާ ބުނީ އެތަނުން އޭނާ ނުދެކޭ ކަމަށާއި އަޑު އިވޭގޮތުން ޝިރުހާނަކީ ވަރަށް މަޝްހޫރު މީހެއް ކަމަށެވެ. އޭނާ ބުނީ ޝަރީއަތުގައި ތިބި އެއްވެސް މީހަކު އޭނާ އެ ދުވަހު ނުދެކޭ ކަމަށެވެ. އަދި ބުނީ ހަމައެކަނި އެދުވަހު އެތަނުން ފެނުނީ "ޝަޒިއްލާ" އާއި "ބަނީ" ކިޔާ މީހަކު ކަމަށެވެ. އެ ދެމީހުންނަކީ ކުރިއްސުރެ ރައްޓެހިން ކަމަށާއި ނަމަވެސް އެމީހުންގެ އަސްލު ނަމެއް ނޭގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ "ޝަޒިއްލާ" އަތުގައި ކަތިވަޅިއެއް އޮއްވާ ފެނުނު ކަމަށެވެ. އަދި ބުނީ އެވަގުތު އެތަނުން "ބަނީ" ދުއްވާފައި ދިޔަ ކަމަށެވެ. އެވަގުތު އެތަނުން އަސީލު ދުއްވާފަ ދަނިކޮށް "ޝަޒިއްލާ" އަސީލުގެ ގައިގާއި ކަނޑިން ޖަހަން އުޅުނު ކަމަށެވެ.

"ޝަޒިއްލާ" އާއި "ބަނީ" ކިޔާ މީހަކު ޝަރީއަތަށް ހާޒިރުވެފައި ވޭތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގު ލިޔުނަތަކަށް ބެލިއިރު އެ މީހުން ޝަރީއަތުގެ މަޖިލީހުގައި ތިބިކަމަށް ނުދައްކާކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ މައްސަލައިގައި އެންމެ ފަހު މީހާގެ ހެކިބަސް ނަގާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.