14 Mar 2022, 09:34
ޓުވިޓާގެ ޓައިމްލައިން ފެންނަ ދެ ގޮތުގެ ތެރެއިން ގޮތެއް އިޚުތިޔާރު ކުރުމަށް ފުރުސަތު ދޭ ފީޗާއެއް ތައާރަފްކުރަން އެ ކުންފުނިން ނިންމައިފިއެވެ.
ޓުވިޓާގެ ޓައިމްލައިން ހުންނާނީ އަލްގޮރިދަމް އިން ތަފާތު ޓުވީޓުތައް ތަރުތީބުކޮށްދޭ "ހޯމް ޓައިމްލައިން" ގޮތަށް ނޫނީ އެންމެ ފަހުގެ ޓުވީޓުތައް ފުރަތަމަ ފެންނަ ގޮތަށް ތަރުތީބު ކުރެވިފައިވާ "ލޭޓެސްޓް ޓައިމްލައިން"އަށެވެ.
މިހާރު ޓުވިޓާގައި އޮންނަ ގޮތުން، އެންމެ ފަހުގެ ޓުވީޓުތައް ފެންނަނީ "ސްޕާކް" އައިކަންއަށް ކްލިކްކުރުމުންނެވެ.
އައު އަޕްޑޭޓަށްފަހު، ތަކުރާރުކޮށް ސްޕާކް އައިކަންއަށް ކްލިކް ކުރުމުގެ ބޭނުމެއް ނެތި ހޯމް ޓައިމްލައިނަށް ނުވަތަ އެންމެ ފަހުގެ ޓުވީޓުތައް ފެންނަ ޓައިމްލައިނަށް ބަދަލު ކުރެވޭނެއެވެ.
ޓުވިޓާއިން ބުނި ގޮތުގައި، "ހޯމް" އާއި "އެންމެ ފަހުގެ" ޓައިމްލައިން އިޚުތިޔާރު ކުރުމަށް ފުރުސަތުދޭ ފީޗާ އެންމެ ފުރަތަމަ ޓެސްޓު ކުރަނީ ޓުވިޓާ ވެބް އާއި އައިއޯއެސްގައެވެ.
އެ އަޕްޑޭޓް ފުރަތަމަ އައިއޯއެސްގައި ތައާރަފުކުރަމުން އަންނައިރު، ވަރަށް އަވަހަށް އެންޑްރޮއިޑް ފޯނުތަކަށް ވެސް މި އަޕްޑޭޓް ތައާރަފުކުރާނެ ކަމަށް ޓުވިޓާއިން ބުންޏެވެ.