12 Mar 2022, 13:32
ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން 99 ހޯލްޑިންގްސްއަށް ފަހު ފުރުސަތު ދީފިއެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް މެދުކަނޑާލާފައިވާތާ ހަތަރު މަސް ވަނީ ވެފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ "ސަން"އަށް މިއަދު ވިދާޅުވީ ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލުން އެއްބަސްވުން ހަދާފައިވާ 99 ހޯލްޑިންގްސް އަށް، މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ފަހު ފުރުސަތު ދީފައި ވާނެ ކަމަށެވެ.
ސިޓީ ކައުންސިލުން އެންގިގޮތަށް އެ ތާރީޚުގައި ބަގީގެ ޚިދުމަތް ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުން އެދޭ ގޮތަށް، ރޫޓެއް ނެތި، ގުޅާލީމަ ޚިދުމަތް ފޯރުކޮށްދޭން ވާނީ އެންގިފަ. އެގޮތަށް އެކަން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ވާނީ އެންގިފަ،" ނަހުލާ ވިދާޅުވިއެވެ.
މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވިލިމާލޭގެ އެތެރޭގެ ދަތުރުފަތުރުގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިަކމަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްޓަކައި، ޕިކަޕާއި ވޭން ހިމެނޭ ގޮތަށް އިންޖީންލީ އަށް ވެހިކަލަށް ޓެކްސީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައި ވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުން، އެންމެ ލަސްވެގެން ރޯދައަށް ރައްޔިތުންނަށް ޚިދުމަތް ލިބެން،" ބަގީގެ ޚިދުމަތް މެދުކެނޑިފައިވާކަން ފާހަގަ ކުރައްވައި ނަހުލާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި 99 ހޯލްޑިންގސް އިން ބުނެފައި ވަނީ، ބަގީ ޚިދުމަތް އަލުން ނުފެށި ލަސްވަނީ ބަގީ ތަކުގެ ބެޓެރިތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.
ނަހުލާވެސް ފާހަގަ ކުރެއްވި ގޮތުގައި، އޭރު 99 ހޯލްޑިންސް އިން ފާހަގަ ކުރި ދެ މައްސަލައިގެ ތެރޭގައި ބެޓެރި މައްސަލަ ހިމެނޭ ކަމަށެވެ.
ކޮވިޑްގެ ސަބަބުން ބެޓެރި ލިބުން ދަތިވުމުގެ މައްސަލައާއެކު، ވިލިމާލޭގައި ބަގީ ރޫޓެއް ކަނޑައަޅައިދޭން 99 ހޯލްޑިންގްސް އިން އެދުނު ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަމަވެސް ވިލިމާލޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ބަގީ ރޫޓް ކަނޑައަޅަން ރައްޔިތުން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭރު، ދެމަސްތެރޭ ބެޓެރީ ގެނެވޭނެކަމަށް އެ ކުންފުނިން ބުނި ކަމަށާއި މިހާރު އޭގެ ފަހުން ހަތަރު މަސް ފާއިތުވެ ގޮސްފި ކަމަށް ނަހުލާ ވިދާޅުވިއެވެ. އެހެންކަމުން އަލުން ބަގީގެ ޚިދުމަށް ފެށުމަށް އެ ކުންފުންޏަށް ފަހު ތާރީޚެއް ދިނީ ކަމަށް ނަހުލާ ވިދާޅުވިއެވެ.