އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާއާ ބެހޭ އެންމެ އިސްވެރިޔާ، އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއި ފޮރިން މިިސްޓްރީގެ ސްޓޭޓް މިނިސްޓްރު އަހުމަދު ޚަލީލް މިއަދު އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެމެރިކާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ތައުލީމާއި، ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގާ ދެޤައުމާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރު ޚަލީލު އާއި އެސިސްޓަންޓް ސެކްރެޓަރީ ލޫ މަޝްވަރާކުރެއްވިއެވެ.

އެ ދަތުރުފުޅުގައި ޚަލީލްވަނީ ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް އެއިޑް (ޔޫއެސްއެއިޑް)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ކަންކަމާ ހަވާލުވެ ހުންނެވި އެކްޓިން ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓާ ތިއޮޑޯރާ ޑެލް އާވެސް ބައްދަލުކުރައްވާފައެވެ.

ޔޫއެސްއެއިޑާއެކު ސްޓޭޓް މިނިސްޓަރު ޚަލީލް ކުރެއްވި މަޝްވަރާތަކުގައި އެ އޭޖެންސީގެ އެހީތެރިކަމާއެކު ރާއްޖޭގައި މިހާރު ހިންގަމުންދާ އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެ ދަތުރުފުޅުގައި ޚަލީލްގެ އިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެންއާއި، އެމްބަސީގެ މިނިސްޓަރު ކައުންސެލަރު ހަސަން އާދަމްގެ އިތުރުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އާއި ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ބައިވެރިވެވަޑައިގަތެވެ.