15 Mar 2012, 14:58
ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން ހިންގާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އޭ ކެޓަގަރީގައި ހިމެނޭ ގޯއްޗާއި ފުލެޓު ލިބޭ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭކަމުގެ ރަމްޒީ ލިޔުން 131 ފަރާތަކާ ކުރީގެ ސަރުކާރުން ހަވާލްކޮށްފައި ވަނީ ބަލަންވާ ވަރަށް ނުބަލައި ސިޔާސީ ކަންތަކެއް ކުރިއަށް ދިޔަ ދުވަސްވަރެއްގައި ކަމަށް ހައުސިންގް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވެށިފަހި މާލެ ޕްރޮގްރާމް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދިނުމަށް އެމިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އަބުދުﷲ މުއްތަލިބު މިއަދު ވިދާޅުވީ އޭ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހުޅުމާލެ އިން ގޯއްޗާއި ފުލެޓް، ލިބޭނެ ކަމުގެ ރަމްޒީ އެގްރިމެންޓްގައި ސޮއިކޮށްފައި ހުރި 131 އެއްފަރާތަށް ފުލެޓް ނުވަތަ ގޯތި ލިބޭނެ ކަމުގެ އެގްރިމެންޓް ކުރީގެ ސަރުކާރުން ކޮށްފައި ވަނީ އެފަރާތްތަކުގެ ގޯތިތައް ނުބަލައި އިންޓަވިއު ވެސް ކުރުމެއްނެތި އަދި ބަލަންވާ ވަރަށް ނުބަލައި ކަމަށެވެ.
"އިންޓަވިއު ނުނިމި އަދި ފައިނަލް ލިސްޓެއް ވެސް ތައްޔާރު ނުކުރެވި 131 ފަރާތަކަށް އެބައޮތް ބިން ނުވަތަ ފުލެޓް ލިބޭނެ ކަމުގެ ރަމްޒީ ލިޔުން ދެއްވާފައި. އެއީ މިދިޔަ އަހަރު ޖުލައި 26 ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ އިން ގޯތިލިބޭނެ ކަމުގެ ލިޔުން ހަވާލްކުރެވުނު 10 ފަރާތަކާއި އޮގަސްޓް މަސް ތެރޭގައި ރައީސް އޮފީހުން ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ އިން ގޯތިލިބޭނެ ކަމުގެ ލިޔުން ހަވާލްކުރެވުނު 94 ފަރާތަކާއި 20 ޑިސެމްބަރުގައި ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ އިން ފުލެޓް ލިބޭނެ ކަމަށް ލިޔުން ހަވާލްކުރި 11 ފަރާތަކާއި ހުޅުމާލެ އިން ފުލެޓް ލިބޭނެ ކަމަށް ލިޔުން ދިން ފަސް ފަރާތަކައި މާލެ އިން ފުލެޓް ލިބޭނެ ކަމުގެ ލިޔުންދިން 11 ފަރާތެއް،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ގޯތި ނުވަތަ ފުލެޓް ލިބޭނެ ކަމުގެ ލިޔުން ދިންކަމުގެ ސޮއިކޮށް އެގްރިމެންޓްގެ ފުޓް ނޯޓުގައި ލިޔެފައި ވަނީ މައުލޫމާތު ޗެކްކުރާ އިރު ލިބޭ ޕޮއިންޓުގެ ގޮތުން އިސްކަން ގެއްލިއްޖެ ނަމަ ލިޔުން ބާތިލްވާނެ ކަމަށް ލިޔެފައި އޮތުމުގެ މާނައަކީ އަލުން ލިސްޓް ތަރުތީބުކުރާ އިރު ބިންލިބުމުގެ ފުރުސަތު ގެއްލިގެން ދާނެ މަށެވެ.
"ބަޔަކަށް އުއްމީދުތަކެއް ދިނުމަށް ފަހު އެންމެ ފަހު ވަގުތު ވެސް އެމީހަކަށް ލިބެންވާ ޔަގީންކަން ގެއްލިދާނެ ގޮތަކަށް ކޮށްފައިވާ އެގްރިމެންޓް ލިޔުމެއްދީފައި ވަނީ،"
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ހުޅުމާލެ އިން 250 ގޯތި ދޭން ކަނޑައަޅާފައިވާ އިރު އިންޓަވިއުކުރި ފަރާތްތަކުގެ ތެރެއިން 362 ފަރާތަށް މިހާތަނަށް ވެސް ޝަރުތު ހަމަވާ ކަމާށައި އޭގެ ތެރެއިން ވެސް 41 ފަރާތަކާ އެގްރިމެންޓް ކޮށްފައިވާ އިރު 115 ފަރާތަކާއި ގޯތިލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މިންގަނޑުކަމުގައިވާ 215 ޕޮއިންޓަށް ވުރެ ދަށުން މާކުސްލިބޭ ފަރާތްތަކާ އެކު ވެސް އެގުރިމެންޓު ކޮށްފައިވާ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުމާލެ އިން އިތުރު ބިން ހޯދައިގެން ނަމަވެސް އެފަރާތްތަކަށް ގޯތި ލިބޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި ދަށުން މާކުސްލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދީފައިވާ ގެރެންޓީއެއް ކަމަށް ވާތީ އެކަމާ ދޭތެރޭގައި ވިސްނައި އެކަމާ ގޮތެއްނިންމާނީ ލީގަލް ޓީމުގެ މަޝްވަރާގެ މަތިން ކަމަށެވެ.
ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އޭ ކެޓަގަރީގައި ހިމެނޭ 300 އަކަފޫޓަށް ވުރެ ކުޑަބިންކޮޅު ހިމެނޭ މީހުން އެބިންކޮޅު ދޫކޮށްލުމުން ހުޅުމާލެ އިން ގޯއްޗެއް ނުވަތަ ފުލެޓެއް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ މީހުން ހިމެނޭގުރޫޕެވެ. އޭގުރޫޕަށް 1160 މީހުން ގޯއްޗަށް އެދިފައިވާ އިރު މިހާތަނަށް 1083 މީހަކާ އިންޓަވިއުކޮށް ވަނީ ނިމިފަ އެވެ. އިންޓަވިއު ނުކުރެވޭ 77 ފަރާތާއި ޑޮކިއުމެންޓް ސަބްމިޓްކޮށް ނުނިންމާ ފަރާތްތަކުން އަންނަ އެޕްރީލް 12ގެ ކުރިން އެކަން ނިންމުމަށް އެފަރާތްތަކަށް އަންގަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބީކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ގޯއްޗަށް 7223 މީހުން އެދިފައިވާ އިރު 6853 ފަރާތަކާ އެކު މިހާރު ވަނީ އިންތަވިއު ކޮށްފަ އެވެ. އެކެޓަގަރީގައި 640 ފަރާތަކާއި އަދި ވަނީ އިންޓަވިއުނުކުރެވި އެވެ.
މާލޭގެ ދަފްތަރުގައި ހިމެނޭ ސީ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ގޯއްޗަށް އެދި ހުށައަޅާފައިވާ 11759 ފަރާގެ ތެރެއިން 462 މީހުންނާއި އިންޓަވިއުކޮށްފައިވީ ނަމަވެސް ސީ ކެޓަގަރީގައި ހިމެނޭ ހުރިހާ ފަރާތްތަކާއި އަލުން އަންނަ މޭ މަސް ތެރޭގައި އިންޓަވިއުކޮށް ނިންމާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ވެށިފަހިމާލެ ޕްރޮގްރާމް ކުރިއަށް ގެންދަން މިހާރު ރޭވިފައިވާ ގޮތަކީ ޑެޑްލައިންތަކެއް ކަނޑައަޅައި ޕްރޮގްރާމްތަކެއް ރޭވިގެން ވީހާ ވެސް އިންސާފުވެރި ގޮތެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ޕްރޮގްރަމް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.
ވެށިފަހި މާލެ ޕްރޮގްރާމަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން މާލޭގެ ތޮއްޖެހުން ނައްތާލައި މާލެގެ ރަށްވެހިންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ. ކުރީގެ ސަރުކާރުން ވެށިފަހިމާލެ ޕްރޮގްރާމް ރައީސް އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު މިހާރު އެޕްރޮގްރަމް ކުރިއަށް ގެންދަނީ ހައުސިންގް މިނިސްޓްރީގެ ދަށުންނެވެ.