12 Mar 2022, 13:16
ވޮޝިންޓަން (12 މާޗް 2022) : ޔުކްރޭން ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަންނާނެކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ބައިޑެން ވިދާޅުވީ ޔުކްރޭނަށް ޓަކައި އެމެރިކާ ތިންވަނަ ބޮޑު ހަނގުރާމައަކަށް ނުދާނެކަކަމަށާއި އެމެރިކާވެސް އަދި ނޭޓޯވެސް ސީދާގޮތެއްގައި ރަޝިއާ ކުރިމަތިނުލާނެ ކަމުގައެވެ.
ޔުކްރޭން ހަނގުރާމައިގާ އެމެރިކާވެސް އަދި ނޭޓޯވެސް ކުރާކަމަކީ ދުރުގައި ތިބެގެން ޔުކްރޭނަށް ހަތިޔާރުފޯރުކޮށްދިނުމާއި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ. ޔުކްރޭންގެ ދިފާއުގައި ތެދުވާކަށް ނުކެރެއެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެނީވެސް ހަމައެކަނި ޔުކްރޭނަށް އަރާ ރަޝިއާގެ ބާރުތަކަށް ހަމަލާދެވޭވަރުގެ ކުރުރާސްތާގެ ހަތިޔާރެވެ.
ސީދާ ރަޝިއާއަށް ހަމަލާދެވޭވަރުގެ ނޫނީ ރަޝިއާއަށް އެއްވެސް ގެއްލުމެއް ދެވޭވަރުގެ ދުރުރާސްތާގެ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށެއް ނުދެއެވެ. އެއީ ރަޝިއާގެ ރައްދު ހަމަލާއެއް އަތުވެދާނެތީއެވެ.
ރަޝިއާގެ ބާރުގަދަ ހަމަލާތަކުން ދިފާއުވެވޭވަރުގެ ބާރުގަދަ ހަތިޔާރު އެމެރިކާވެސް އަދި ނޭޓޯއިންވެސް ފޯރުކޮށް ނުދޭތީ ޔުކްރޭނުގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ގެންދަވަނީ ތަކުރާރުކޮށް ނުރުހުން ފާޅުކުރައްވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ހަމައެކަނި ރަޝިއާއާއި ޔުކްރޭންގެ ހަނގުރާމައެއް ނޫނެވެ. މިއީ ނޭޓޯއާއި ރަޝިއާއާ ދެމެދު ހިނގާ ޕްރޮކްސީ ހަނގުރާމައެކެވެ. ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭން ދަނީ މުޅިން ފުނޑުފުނޑުވަމުންކަން އޭނާވަނީ ފާހަގަ ކުރައްވާފައެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަޅާއިރުވެސް ރަޝިއާގެ ތެލާއި ގޭހާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާކަށް، އެތަކެތި އެންމެ ބޮޑަށް ބޭނުންކުރާ ޔޫރަޕްގެ ގައުމުތަކަށް ކެރިފައެއް ނުވެއެވެ. އެމެރިކާއިން ރަޝިއާގެ ތެލާ ދެކޮޅަށް ފިޔަވަޅުއަޅާފައިވާއިރު އެމެރިކާއިން އެތެރެކުރަނީ ރަޝިއާގެ އުފައްދާ ތެލުގެ އެންމެ ދެ ޕަސެންޓްއެވެ. މިވަރުގެ ޕަސެންޓެއް ކަޑާލުމަކީ ރަޝިއާއަށް އެނގުންވާ ވަރުގެ ކަމެއްނޫނެވެ.

ރަޝިއާ ކިޔޭވް އަށް ދޭ ހަމަލާތައް ދަނީ ވަރުގަދަ ކުރަމުން
އަނެއްކޮޅުން ރަޝިއާ ޔޫރަޕަށް ފޯރުކޮށްދޭ ތެލާއި ގޭހުގެ އަގަށްވާ ފައިސާ ހިފަހައްޓާކަށްވެސް ޔޫރަޕަކަށް ނުކެރެއެވެ. އަދި އެެމެރިކާގެ ފިޔަވަޅުތަކުގެ ސަަބަބުން ތެލުގެ އަގުތައް އުފުލުމުން އޭގެ ފައިދާވެސް ރަޝިއާއަށް ދަނީ ލިބެމުންނެވެ.
ޔޫރަޕުން ގެންދަނީ ތެލާއި ގޭހުގެ އަގަށްވާ ފައިސާ އެމެރިކާގެ މާލީ ނިޒާމު ކަމަށްވާ ސްވިފްޓް ނިޒާމުގެ ތެރެއިން ރަޝިއާއަށް ހުއްޓުމެއްނެތި ފޯރުކޮށް ދެމުންނެވެ. މިފައިސާ ރަޝިއާއަށް ފޯރުކޮށްދިނުމަށް ޓަކައި ރަޝިއާގެ މަރުކަޒީ ބޭންކްފަދަ މުހިއްމު ބޭންކްތައް އަދިވެސް ވަނީ ސްވިފްޓް ނިޒާމުގެ ތެރޭގައެވެ. އެނިޒާމުގެ ތެރެއިން ބޭރުކޮށްލީ ރަޝިއާގެ މުހިއްމު ނޫން މަދު އަދަދެއްގެ ބޭންކްތަކެވެ.
ހުޅަނގުން މިހާތަނަށް ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހައެއްކަހާސް ފިޔަވަޅު އަޅާފައިވީނަމަވެސް މިއިން އެއްވެސް ފިޔަވަޅަކީ ރަޝިއާގެ ހަނގުރާމައިގެ އާލާތްތަކަށް ނުވަތަ ރަޝިއާގެ ހަނގުރާމައިގެ ލަޝްކަރުތަކަށް ލޮޅުން އަރުވާލެވޭވަރުގެ ފިޔަވަޅުތަކެއް ނޫނެވެ. ރަޝިއާއަކީ ހަތިޔާރުގެ ޓެކްނޮލޮޖީ އަމިއްލައަށް ތަރައްގީކޮށްފައިވާ އަދި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަތިޔާރު އުފައްދައި ހަތިޔާރުގެ ވިޔަފާރިވެސް އެމެރިކާ ފިޔަވައި ދެން އެންމެ ބޮޑަށް ކުރާގައުމެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމަށް ރަޝިއާ ބޭނުންނަމަ އީރާނާއި ވެނެޒުއެލާފަދަ އެމެރިކާގެ ދުޝްމަން ގައުމުތަކަށް ހަތިޔާރުގެ މަތީފެންވަރުގެ ޓެކްނޮލޮޖީ ފޯރުކޮށްދެވިދާނެތީ އެމެރިކާ ކަންބޮޑުވެއެވެ. ނަމަވެސް އެމެރިކާގެ ފިޔަވަޅުތަކަށް އަދި ރަޝިއާ މާބޮޑު ރައްދެއް ނުދެއެވެ. މީގެތެރެއިން ގިނަ ކަންކަން ކުރާނެ ކަމަށް ބެލެވެނީ ހަނގުރާމައަށްފަހުގައި ކަމަށް ރަޝިއާގެ މަސްއޫލުވެރިންގެ ވާހަކަތަކުން ހާމަވެއެވެ.
ޔުކްރޭން ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމަކީ ދުނިޔޭގައި ތިންވަނަ ބޮޑު ހަނގުރާމަ ފެށުން ކަމަށް އެމެރިކާގެ ރައީސް ވަނީ ސިފަކުރައްވާފައެވެ. އެހެންކަމުން އެފަދަ ކަމެއް އެމެރިކާ ނުކުރާނެކަމަށް ބައިޑެން ވިދާޅުވިއެވެ. ޔުކްރޭން ހަނގުރާމައިގާ ރަޝިއާ މިއަދު ކިޔޭވް އަށް ދެމުން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ކަކަމަށާއި ފަސްފަރާތަކުން ރަޝިއާގެ ލަޝްކަރުތައް ގެންދަނީ ކިޔޭވް ވަށާލައި އެސީޓިއާ ގާތްވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.