12 Mar 2022, 11:55
ސަރުކާރު ހިންގުމަށް ބޭނުންވަނީ ޚަރަދުކުޑަ، ލުއި ސަރުކާރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރުގެ ރިޔާސީ ކެމްޕެއިން އަލުން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެ އާ މިސްރާބަކަށް ގެންދިއުމަށް ޓަކައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމަށެވެ.
ޢުމަރު ވިދާޅުވީ ރާއްޖެއަށް އެކި ވެރިންނާއި ސަރުކާރު އަންނަމުން ދިޔަ ނަމަވެސް މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަަކަށް ހައްލު ނުލިބި، އެ މައްސަލަތައް އަދިވެސް އެބަ ހުރި ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމާއި ޑްރަގް ކެފޭތަކުގެ މައްސަލައާއި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި މަސާޖު ޕާލާތަކުގެ މައްސަލައިގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުން ފަދަ މައްސަލަތަކަކީ ހައްލެއް ލިބިފައި ނުވާ މައްސަލަތަކެއްގެ ގޮތުގައި ޢުމަރު ސިފަ ކުރެއްވިއެވެ.
"ރައްޔިތުން ޓެކްސް ދައްކަމުން ދަނީ، އެހެންނަމަވެސް ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައަކަށް އެއްވެސް ހައްލެއް ނާދޭ. ވެރިކަން ބަދަލުވޭ. އެކަމަކު އެ ބަދަލެއް ނުއެއް ފެނޭ އަޅުގަނޑުމެންނަކަށް. ހަމަ މައްސަލަތައް ހުރި ގޮތަށް، ފުނި ޖެހިފައި،" ޢުމަރު ވިދާޅުވިއެވެ.
އެއްވެސް ސިޔާސީ ވެރިއަކަށް މިފަދަ މައްސަލަތައް ހައްލު ނުކުރެވިގެން އުޅެނީ މިފަދަ މައްސަލަތަކުގެ ތެރޭގައި އެ ބޭފުޅުން ޝާމިލް ވާތީ ކަމަށް ޢުމަރު ތުހުމަތު ކުރެއްވިއެވެ. މި ކަންކަމަކަށް ހަގީގީ ބަދަލެއް ގެނެވޭނީ އިސްލާމީ ވެރިއަކު އިންތިޚާބުކުރެވިގެން ކަމަށް ޢުމަރު ވިދާޅުވިއެވެ.
"މި ގައުމަށް ހަގީގީ ބަދަލެއް ގެނެވޭނީ، އިޚްލާސްތެރި ބަދަލެއް ގެނެވޭނީ، އިސްލާމީ ވެރިއަކު ދިވެހިރާއްޖެއަށް ގެނެސްގެން، އެ ނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެ." ޢުމަރު ވިދާޅުވިއެވެ.

ޢުމަރުގެ ކެމްޕެއިނު ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
މި މައްސަލަތަކަށް އޭނާއަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ، ޢުމަރު ވަނީ ގައުމުގެ ހިންގުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތައް ހިއްސާކުރައްވައިފައެވެ. ގައުމުގެ ހިންގުމުގެ ވިސްނުން ހުރިހާ ދާއިރާއަކުން ވެސް އެބަހުރި ކަން ފާހަގަކުރައްވައި، ޢުމަރު ވިދާޅުވީ ބޭނުންވަނީ ލުއި ސަރުކާރެއް އުފެއްދުމަށް ކަމަށެވެ.
"ދިވެހި ދައުލަތަކީ ޚަރަދުކުޑަ، ކުޑަ ސަރުކާރަކަށް ވާން ޖެހޭނެ އިނގޭތޯ، ސިޔާސީ ވަޒީފާތައް އެކަނި ވެސް މިހާރު ދެ ހާހަށް ވުރެ ގިނަ ސިޔާސީ ވަޒީފާތައް އުފެދިފަ އެބަހުރި. ޖުމްލަ 30 މިލިއަން ރުފިޔާ ޚަރަދުކުރެވޭ މަހަކު ސިޔާސީ މީހުންގެ މުސާރައަށް އެކަނި،" ޢުމަރު ވިދާޅުވިއެވެ.
"ހިމަތޮޅި ލުއި ސަރުކާރެއް ގެނައުން، މިހާ ބަރުހެލި ބޮޑު ސަރުކާރަކަށް ދައުލަތެއް ނުހިންގޭނެ. އެހެންވީމަ ސަރުކާރު އެބަ ޖެހޭ ކުޑަކުރަން،"
ހަމައެހެންމެ ސަރުކާރު ހިންގުމުގައި ބައެއް އިދާރާތައް މަދުކޮށް، އޮފީސްތައް މަދުކުރަން ޖެހޭ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޢުމަރު ވިދާޅުވީ ޑިމޮކްރަސީގައި ހިފަން ވާނީ ހަމައެކަނި ނަތީޖާ ނިކުންނަ ކަންކަމަށް އެކަނި ކަމަށާއި ނަތީޖާ ނުނިކުންނަ ކަންކަން ދޫކޮށް އިސްލާމީ ޝަރީޢަތަށް ނުވަތަ އެހެން ސިޔާސަތަކަށް ދާން ޖެހޭ ކަމަށެވެ.
އޭނާއަށް ވެރިކަން ލިބިއްޖެނަމަ ސިޔާސީގޮތުންނާއި އިޖްތިމާއީ އަދި އިގްތިޞާދީގޮތުން ރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވަނީ ޢުމަރުގެ ރިޔާސީ ކެމްޕެއިނުގައި ހުރިހާ ބޭފުޅުން ވެސް ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ތިބޭފުޅުންގެ އަރިހުން މި އެދެނީ، ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު އެންޑޯސް ކޮށްދެއްވައި، މި ކެމްޕެއިނު ތިޔަ ބޭފުޅުން އަޅުގަނޑަށް ހިންގައިދެއްވާ، 2023ގައި ރާއްޖެ އާ މިސްރާބަކަށް ގެންދިއުމަށް،" ރިޔާސީ ކެމްޕެއިނު އަލުން ފައްޓަވަމުން ޢުމަރު ވިދާޅުވިއެވެ.