12 Mar 2022, 09:23
ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގައި ބޭންކުގެ ޚިދުމަތްތަކަށް ބުރޫ އަރަން ފެށުމުން، އެގައުމުގައި ގޫގުލް ޕްލޭ ސްޓޯރުން އޮންލައިން ގޭމާއި އެޕްލިކޭޝަންތައް ނުގަނެވޭ ގޮތް ހަދައިފިއެވެ.
ގޫގުލްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ރަޝިއާގައި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދަތިތަކާ ކުރިމަތިވާތީ، އެ ކުންފުނިން ވަނީ ރަޝިއާގައި ގޫގުލް ޕްލޭގެ ބިލިން ސިސްޓަމް ހުއްޓުމަކަށް ގެންނަން ނިންމާފައެވެ.
އޭގެ ސަބަބުން ރަޝިއާގައި ގޫގުލް ޕްލޭ މެދުވެރިކޮށް ގޭމާއި އެޕްތައް ނުގަނެވުމުގެ އިތުރުން، ސަބްސްކްރިޕްޝަން ފީ ދެއްކުމާއި އޮންލައިން ގޭމްތަކާއި އެޕްތަކުގެ ތެރެއިން ޑިޖިޓަލް ސާމާނު ގަތުން ފަދަ ޚިދުމަތްތައް ދެން ނުލިބޭނެއެވެ. ނަމަވެސް ގޫގުލް ޕްލޭ މެދުވެރިކޮށް ހިލޭ ލިބެން ހުންނަ އެޕްތައް އަދިވެސް ޑައުންލޯޑު ކުރެވޭނެ ކަމަށް ގޫގުލް އިން ބުންޏެވެ.
އަލްފަބެޓް އިންކްގެ ދަށުން ހިންގާ ގޫގުލްގެ އިތުރުން ޔޫޓިއުބުން ވެސް ވަނީ، އެ ޕްލެޓްފޯމުން ފައިސާ ދައްކައިގެން ލިބެން ހުންނަ ޚިދުމަތްތައް ރަޝިއާއިން ދެން ނުލިބޭނެ ކަމަށް ބުނެފައެވެ.
"ޔޫޓިއުބް ޕްރިމިއަމް، ޗެނަލް މެމްބަޝިޕްސް، ސުޕަ ޗެޓް އަދި މާޗެންޑައިޒް ފަދަ އަޅުގަނޑުމެންގެ ހުރިހާ މަނިޓައިޒޭޝަން ފީޗާތައް މިހާރު ރަޝިއާގައި މި މަޑުޖައްސާލަނީ،" ޔޫޓިއުބުން ބުންޏެވެ.
ޔޫޓިއުބުން އެ ފިޔަވަޅު އެޅި ނަމަވެސް، ރަޝިއާއިން ބޭރުގައި ދިރިއުޅޭ މީހުން އެގައުމުގެ ޔޫޓިއުބް ޗެނަލްތައް ބަލާނަމަ އެ ޗެނަލްތަކަށް އާމްދަނީ ލިބޭނެއެވެ. އެއީ އިޝްތިހާރުތަކާއި ސުޕަ ޗެޓް އަދި މާޗެންޑައިޒް ސޭލްސް ފަދަ ފީޗާތައް މެދުވެރިކޮށެވެ.