15 Mar 2012, 14:55
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގު މެޗުގައި ނަޕޯލީ އާއި ދެކޮޅަށް ޗެލްސީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް އެކުލަބުގެ ވަގުތީ ކޯޗު ރޮބާޓޯ ޑި މަޓިއޯ ތަޢުރީފް ކޮށްފި އެވެ.
ރޭގެ މެޗުގައި ނަޕޯލީ އާއި ދެކޮޅަށް ނުކުތީ ކުއާޓާ ފައިނަލްގެ އުންމީދު ކުޑަވެފައި ވަނިކޮށެވެ. ފުރަތަމަ ލެގުގައި ނަޕޯލީ އިން ވަނީ 3-1 ލަނޑެއްގެ ކާމިޔާބީ އާއި އެކު ރޭގެ މެޗަށް ކުރިމަތިލައިފަ އެވެ. ރޭގެ މެޗު 3-1 ލަނޑުން ޗެލްސީ މޮޅުވުމުން، 3-3 ލަނޑުގެ އެގްރިގޭޓަކުން ދެޓިމު އެއްވަރުވުމުން އިތުރު ވަގުތު ކުޅެ ނަތީޖާ ނެރެން ޖެހުނެވެ. އިތުރު ވަގުތުގައި ޗެލްސީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ.
"މިމެޗަކީ ބަލައިލުމަށް ވަރަށް ހިތްގައިމު މެޗެއް. ހާއްސަކޮށް ޗެލްސީ އާއި ނަޕޯލީ ފަދަ ވަރުގަދަ ދެޓީމު ކުޅޭތީ. މިމެޗުގެ ސަބަބުން އަހަރެމެން މިވަނީ ތާރީހުގެ ތެރެއަށް ވަދެފައި. މެޗު ފެށުމުގެ ކުރިން އަހަރެމެންނަށް އޮތީ ވަރަށް ހަނި ފުރުސަތެއް. ނަމަވެސް ހިތްވަރާއި އެކު އަހަރެމެންނަށް މިވަނީ ކާމިޔާބީ ލިބިފައި." ޑި މަޓިއޯ ބުންޏެވެ.
ޗެލްސީގެ ކުރީގެ ކޯޗު އަންދުރޭ ވިޔަސް ބޮއަސް މަގާމުން ދުރުކުރި އެއް ސަބަބެއް ކަމަށް ބެލެވެނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ނަޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. ވިޔަސް ބޮއަސް މަގާމުން ދުރުކުރުން ޗެލްސީގެ ކޯޗުކަމާއި ވަގުތީގޮތުން ހަވާލުވި އެޓީމުގެ އެސިސްޓަންޓް ކޯޗު ޑި މަޓިއޯ މިވަނީ ނަޕޯލީ އަތުން ޗެލްސީ ސަލާމަތް ކޮށްދީފަ އެވެ.
"ޗެލްސީގެ ކުޅުންތެރިން ދެއްކީ ވަރަށް މޮޅު ކުޅުމެއް. ސީނިއާ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން މިމެޗުގައި ވަރަށް ރަނގަޅަށް ހިފުނު. ނަމަވެސް މިއީ ހަމައެކަނި ސީނިއާ ކުޅުންތެރިންގެ މަސައްކަތެއް ނޫން. މިއީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތެއް." ޑި މަޓިއޯ ބުންޏެވެ.
ޗެލްސީގެ ކޯޗުކަމާއި ވަގުތީ ގޮތުން ހަވާލުވި ޑި މަޓިއޯ އަކީ ވެސް މޮޅު ކޯޗެއްކަން އޭނާ ވަނީ ރޭގެ މެޗުގައި ހާމަކޮށްދީފަ އެވެ. ޑި މަޓިއޯގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ތިން މެޗު ވެސް އޭނާ ވަނީ ކާމިޔާބު ކޮށްދީފަ އެވެ.