12 Mar 2022, 09:22
ލޭމައްޗަށް ދިޔުމަކީ ގިނަ އަދަދެއްގެ ދިވެހިން ތަހައްމަލް ކުރާ ބައްޔެކެވެ.
ހައިޕަޓެންޝަން ނުވަތަ ލޭމައްޗަށް ދިޔުމަކީ ލޭގެ ޕްރެޝަރު އާދަޔާ ޚިލާފަށް މަތިވުމެވެ.
ލޭގެ ޕްރެޝަރު މަތިވުމަށް ގިނަ ފަހަރަށް "ސައިލެންޓް ކިލާ" އޭ ވެސް ކިޔާ އުޅެއެވެ. ސަބަބަކީ ލޭ މައްޗަށް ދިޔުމުގެ ސަބަބުން ހަށިގަނޑަށް ގިނަގުނަ ގެއްލުންތަކެއް ލިބެމުން ދިޔަ ނަމަވެސް، ތީމާއަށް އެކަން ނޭނގި ހުރެދާނެތީއެވެ.
ލޭގެ ޕްރެޝަރު ރެކޯޑުކުރާއިރު ދެ ނަމްބަރެއް ހުރެއެވެ. އެގޮތުން އެންމެ މަތީ ނަންބަރަކީ ސިސްޓޮލިކް ބްލަޑް ޕްރެޝަރެވެ. އެއީ ހިތުގައި ވިންދު ޖަހާ ވަގުތުގައި ލޭހޮޅިތަކުގެ ފާރުތަކަށް ކުރާ ޕްރެޝަރު މިންކޮށްދޭ ނަމްބަރެކެވެ.
އެންމެ ތިރީ ނަމްބަރަކީ ޑައިސްޓޮލިކް ބްލަޑް ޕްރެޝަރެވެ. އެއީ ވިންދު ޖެހުމަށް ފަހު، އަނެއްކާވެސް ވިންދު ޖެހުމާ ދޭތެރޭ ހިނގާ ވަގުތުކޮޅުގައި ލޭހޮޅިތަކުގެ ޕްރެޝަރު މިންކޮށްދޭ ނަމްބަރެކެވެ.
ލޭ މައްޗަށްދިއުމުގެ މައިގަނޑު ދެވައްތަރެއްވެއެވެ. ފުރަތަމަ ވައްތަރަކީ "ޕްރައިމަރީ ހައިޕަޓެންޝަން" އެވެ. ދެވަނަ ވައްތަރަކީ "ސެކަންޑަރީ ހައިޕަޓެންޝަން" އެވެ.
ޕްރައިމަރީ ހައިޕަޓެންޝަން އަކީ ލޭމައްޗަށްދިއުން މެދުވެރިވާ ސަބަބެއް ކަނޑައެޅިގެން ބުނަންނޭގެ ވައްތަރެވެ. މިވައްތަރުގެ ލޭމައްޗަށްދިއުން ގުޅިފައިވަނީ ދިރިއުޅުމުގައި ގެންގުޅެވޭ ސިއްހަތަށް ނުރަނގަޅު އާދަތަކާއެވެ. އަދި އުމުރުން ދުވަސްވުމާއި އެކަށީގެންވާ މިންވަރަށް ކަސްރަތު ނުލިބުންވެސް ހިމެނެއެވެ.
ސެކަންޑްރީ ހައިޕަޓެންޝަން އަކީ ހަށިގަނޑުގެ ގުނަވަނެއްގައި ހުރި ފާހަގަކުރެވޭ ބައްޔެއްގެ ސަބަބުން ލޭމައްޗަށްދިއުމެވެ. އެގޮތުން ކިޑްނީ ނުވަތަ ހޯމޯނަލް މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އެއްބައިފަހަރު ކެވޭ ބޭސްތަކުގެ ސަބަބުންވެސް ލޭމައްޗަށްދެއެވެ.
އާންމު ގޮތެއްގައި ލޭގެ ޕްރެޝަރު މަތިވުމަކީ އަލާމާތްތައް ނުފެންނަ ކަމެކެވެ. ލޭގެ ޕްރެޝަރު މަތިތޯ ދެނެގަތުމަށް އޮތް ހަމައެކަނި މަގަކީ ޑޮކްޓަރަށް ދައްކާ ލޭގެ ޕްރެޝަރު ބެލުމެވެ. އެހެންކަމުން، 18 އަހަރުން މަތީގެ މީހުން، މަދުވެގެން ކޮންމެ ދެ އަހަރަކުން ލޭގެ ޕްރެޝަރު ބެލުމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން އިލްތިމާސްކުރެއެވެ.