11 Mar 2022, 21:03
ރަހިމުގެ ދޮރުގެ ކެންސަރު ނުވަތަ ސާވިކަލް ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އެ ޚިދުމަތް ތައާރަފްކުރީ އެ ހޮސްޕިޓަލުގެ ހަތަރު ވަނަ އަހަރީ ދުވަސް އަދި އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.
ރަހިމުގެ ދޮރުގެ ކެންސަރަކީ ރަހިމުގެ ކަރަށް ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އެއީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުންޖެހޭ ކެންސަރެކެވެ.
އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ މި ގުނަވަނަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފައިވާ ސާވިކަލް ކެންސާ ސްކްރީނިން ޕެކޭޖުން ލިބޭ ޚިދުމަތްތަކަކީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުން، ޕެޕް ސްމިއާ ހެދުން، ވެޖިނަލް ސުވެބް، ޔޫރިން އެނާލިސިސް، ޔޫރިން ކަލްޗާ، ފުލް ބުލަޑް ކައުންޓު، އެޗް.ޕީ.ވީ ވެކްސިން، އަދި ޓެސްޓު ނަތީޖާގެ އަލީގައި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރުގެ ލަފާ ހޯދުމެވެ.
ކެންސަރުން ދިފާއުވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅަކީ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުމެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުމުގެ ސަބަބުން، ކެންސަރަށް ބަދަލުވުމުގެ ކުރިން، ނުވަތަ ކެންސަރުގެ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފަރުވާދީ، ގިނަ ބަޔަކު މިބަލިން ސަލާމަތް ކުރެވިދާނެއެވެ.
ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި ސިއްހީ ރަނގަޅު އާދަތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމާއި، އެޗްޕީވީ ވެކްސިން ޖަހައި ސާވިކަލް ކެންސަރު ދެނެގަތުމަށް ގަވައިދުން ސްކްރީން ކުރުން މުހިންމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 3351610 އަށް ގުޅުމުން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.