ހަނގުރާމަވެރި ސަރަހައްދަކުން މިއަދު ރާއްޖެއަށް ގެނައި ދިވެހި އާއިލާ ތިބީ އިދާރީ ބަންދެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމީހުން ބަންދުގައި ތިބީ ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވާ ކަންކަން ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން، ރިސްކް އެސެސްމަންޓް ހަދައި، ޖިނާއީ ދައުވާއެއް އުފުލަން ޖެހޭ ފަރާތެއް ވާނަމަ، އެކަން ފުރިހަމަ ކުރަންޖެހޭނެކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މި އާއިލާގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން ރާއްޖެއިން ބޭރުގައި އުފަންވި ދެ ކުދިންގެ ޑީއެންއޭ ކަށަވަރު ކުރުމަށް ފަހު، ރަށްވެހިކަމާ ބެހޭ ކަންކަން ފުރިހަމަ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި އާއިލާގައި 33 އަހަރުގެ އަންހެނަކާއި، 18 އަހަރުން ދަށުގެ ހަތަރު ކުދިން ހިމެނެއެވެ.

މި އާއިލާ ރާއްޖެ ގެނެވުނުކަން މިއަދު އިޢުލާނުކުރަމުން ހޯމް މިނިސްޓްރީން ބުނެފައިވަނީ އެއީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހި، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާ އާއިލާތައް އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.

ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވާ ކުދިން ރެޖިސްޓްރީ ކުރުމުގެ އުސޫލެއް ހެދީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.

އެ އުސޫލުގައި ވާގޮތުން، އެފަދަ ސަރަހައްދަކަށް އުފަންވެފައިވާ ކުއްޖެއް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނީ, އެ ކުއްޖަކީ ދިވެއްސެއްގެ ދަރިއެއް ކަން ޝަރުއީ ކޯޓުން ނިންމުމުންނެވެ.

ކޯޓުން ގޮތެއް ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތް ކުރަން ޖެހެއެވެ. އެކަމުގައި އަމަލުކުރަން ޖެހޭ ގޮތާ އެހެން ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާ ތަފާތެއް ނެތެވެ. ނަމަވެސް ފޯމާއެކު ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓް ހުށަހަޅަން ޖެހެއެވެ.