11 Mar 2022, 19:40
ދިވެހީންނާ ބެހޭ އެކިކަހަލަ އިންޓެލިޖެންސް ރިޕޯޓް އިންޑިއާއިން ފޮނުވުމުން އޭގެ ސަައްހަކަން ނުބަލާ ރާއްޖޭގެ ސަރުކާރުން ފިޔަވަޅު އަޅާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތުހުމަތުކުރައްވައިފިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، އދ. މަހިބަދޫގައި މިއަދު ހަވީރު ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ދިވެހިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓަކައި ޓެރަރިޒަމްގެ ނަމުގައި ނުވަތަ ކޮންމެވެސް އެހެން ނަމެއްގައި އެކަން ކޯޓަކާ ހަމައަށް ނުގޮސް، 48 ގަޑިއިރުގެ މުއްދަތެއް ޖަހަން ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.
ޔާމީން އެގޮތަށް ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން މިދިޔަ ނޮވެމްބަރު މަހު ފާސްކުރި ބިލާ ބެހޭ ގޮތުންނެވެ.
މިދިޔަ ޑިސެމްބަރު މަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރެއްވި އެ ގާނޫނުގައި ވަނީ، ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކުރުމުގައި ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރު ވަންދެން މީހުން ބަންދުގައި ބޭތިއްބޭނެ ކަމަށް ކަނޑައަޅާފައެވެ.
"އިންޑިއާގެ ނުފޫޒު ހުރިހާ ދާއިރާއަކަށް މިހާބޮޑަށް އޮތީމަ ދިވެހިރާއްޖޭގެ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް އުނދަގޫވެޔޭ މި ދަންނަވަނީ،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާގެ ކިތަންމެ ބޮޑު ކުށްވެރިއަކު ރާއްޖެ އައިކަމުގައި ވިޔަސް އިންޑިއާގެ ހުއްދަ ނުހޯދާ ފޮނުވާލަން ރާއްޖޭގެ ސަރުކާރަށް ނުކެރޭނެކަމުގައި ޔާމީން ވިދާޅުވިއެވެ.
"އެކަމަކު އިންޑިއާއަށް ދިޔައީމަ އެއް އެއާޕޯޓުން ސައްޕު ޖަހާފަ އެބަ ބޭރުކުރޭ. އަނެއް ތަނަކުން ވަކި ހިސާބަކަށް ދަތުރުކޮށްފަ 22 ގަޑިއިރު ގެންގުޅެފައި ދޫކޮށްލާ މީހުން އެބަ ދޫކޮށްލާ،" ޔާމީން ވިދާޅުވިއެވެ.
ހަނިމާދޫގެ އެއާޕޯޓަށްދާ ދިވެހިރާއްޖޭގެ ގައުމީ އެއާލައިނުގެ މަތިންދާ ބޯޓު ނުޖެއްސި އެތައް ގަޑިއިރަކު އުޅެން ޖެހޭކަމަށް ވެސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އެ މަތިންދާ ބޯޓުތައް ދަނީ ދިވެހި ފަސިންޖަރުން ގޮވައިގެން ކަމަށާއި އެތަނުގައި އެ ބޯޓުތަކަށް ޖެއްސެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ އެތަނުގައި އޮތް އިންޑިއާ އަސްކަރިއްޔާ އެ މީހުން ކޮންމެވެސް މަސައްކަތެއް ކުރާތީ އެއާޕޯޓު ބަންދުކުރާ ވާހަކަ ބުނަނީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ހަނިމާދޫއަކީ ދިވެހިރާއްޖޭގެ ބިމެއް ކަމަށާއި ހަނިމާދޫ އެއާޕޯޓަކީ ދިވެހިރާއްޖޭގެ އެއާޕޯޓެއް ކަމަށެވެ. އަދި އިންޑިއާ ސިފައިންނަކީ މެހެމާނުންތަކެއް ގޮތަށް އެތަނަށް ގެނެސްފައި ތިބި ބައެއްކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އެކަމަކު އެތަނަކަށް ދިވެހި މަތިންދާބޯޓަކަށް ޖެއްސެނީކީ ނޫން. އަދި އެ ބޯޓުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިން ނަމަ ވެސް ނުޖެއްސުނީސް،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ޔާމީން ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ހަދައިފައިވާ އެއްބަސްވުންތަކަށާއި އިންޑިއާގެ އަސްކަރިއްޔާ ތިބުމުންވާ އުނދަގުލުގެ ވާހަކަތައް ތަކުރާރުކުރައްވާ ފާޑު ވިދާޅުވެފައެވެ.