ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމުގެ ހަނި ފުރުސަތުގެ ބޭނުން ޗެލްސީ އިން އެންމެ ރަނގަޅަށް ހިފިއިރު ރެއާލް މެޑްރިޑް ވެސް ވަނީ ފަސޭހަކަމާއެކު ރޭ ސީއެސްކޭއޭ މޮސްކޯ އަތުން މޮޅުވެފަ އެވެ. މިދެމެޗުވެސް ނިމިގެންދިޔައީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ފޯވާޑް ޑިޑިއޭ ޑްރޮގްބާ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނު ނަމަވެސް ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެމިނެޓްތެރޭ ޖޯން ޓެރީ ޗެލްސީ އަށް ލީޑު ފުޅާ ކޮށްދިން ނަމަވެސް، މެޗުގެ 55 ވަނަ މިނެޓުގައި ގޯހާން އިންލާ ވަނީ ނަޕޯލީ އަށް ލީޑު ހަނިކޮށްދީފަ އެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން ފްރޭންކް ލަމްޕާޑް އަލުން އެޓީމަށް ލީޑު ފުޅާކޮށްދިނެވެ. މިމެޗުގެ 90 މިނެޓުގެ ކުޅުން ނިމުނުއިރު، 3-1 ލަނޑުން ޗެލްސީ ކުރީގައި އޮވެ ނިމުނު ނަމަވެސް، އެގްރިގޭޓުން 4-4 ލަނޑުން ދެޓީމު ހަމަހަމަ ވުމުން އިތުރު ވަގުތު ކުޅެން ޖެހުނެވެ.

މެޗުގެ އިތުރު ވަގުތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން ދިޔައީ ޗެލްސީ އިން ނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 105 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރަނިސްލާވް އިވަނޮވިޗް އެވެ. މިމެޗު ނިމިގެންދިޔައީ 4-5 ލަނޑުގެ އެގްރިގޭޓަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ސީއެސްކޭއޭ މޮސްކޯއާއި ދެކޮޅަށް ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި އެޓީމަށް ލީޑު ހޯދައިދިނީ ގޮންޒާލޯ ހިގުއައިން އެވެ. ހިގުއައިން މިލަނޑު ކާމިޔާބު ކުރީ ކަކާ ދިން ހިތްގައިމު ބޯޅައަކުންނެވެ. މިމެޗުގެ ވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ދިހަ މިނެޓް ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދުރުން އުފެއްދި ބާރު ހަމަލާއަކުން މެޑްރިޑްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ހިގުއައިންގެ ބަދަލުގައި ކުޅެން ނުކުތް ކަރިމް ބެންޒެމާ ވަނީ މިނެޓެއް ނުވަނީސް މެޑްރިޑުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ޒޯރާން ތޮސިޗް މޮސްކޯ އަށް ރީތި ގޯލެއް ކާމިޔާބު ކޮށްދިން ނަމަވެސް، މެޗު ނިމިގެންދިޔައީ މެޑްރިޑަށް ރޮނާލްޑޯ ކާމިޔާބު ކޮށްދިން ދެވަނަ ލަނޑާއެކު އެވެ. މިމެޗު ނިމިގެންދިޔައީ 4-1 ލަނޑުންނެވެ. އެހެންކަމުން 5-2 ލަނޑުގެ އެގްރިގޭޓަކުން މެޑްރިޑް ކުރީގައި އޮތުމުން އެޓީމަށް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރު ވެފަ އެވެ.