މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަށް ޕަސެންޓަށް ދަށް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މުޅި ރާއްޖެއިން ޕޮޒިޓިވްވާ ރޭޓް މަތިވާން ފެށީވެސް ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ. އަށް ޕަސެންޓްގައި ހުރި ޕޮޒިޓިވިޓީ ރޭޓް، ފެބްރުއަރީ މަހު 36 ޕަސެންޓަށް އުފުލުނު ނަމަވެސް، މިހާރު އެ ޕަސެންޓް ވަނީ 18 އަށް ތިރިވެފައެވެ.

މުޅި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އެންމެ ދަށް ނުވަނީ، އަތޮޅުތެރެއިން ގިނަމީހުން އަދިވެސް ޕޮޒިޓިވް ވާތީ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަތޮޅުތެރޭގައި ޕޮޒިޓިވްވާ ރޭޓް، މިިދިޔަ ޑިސެމްބަރު މަހުން ފެށިގެން މަތިވާން ފެށި ގޮތަށް، އަދިވެސް އެހާބޮޑުތަން ދަށް ވެފައެއް ނުވެއެވެ.

އަތޮޅުތެރެއިން ކޮވިޑް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވެސް އުޅެނީ 44 ޕަސެންޓްގައެވެ.

ނަމަވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ، ޖެނުއަރީ މަހުގެ ކުރީކޮޅާ އެއްވަރަށް ދަށް ވެފައެވެ. އެހެންކަމުން މިވަގުތު އެ އަދަދު ހުރީ އަށް ޕަސެންޓްގައެވެ.

މާލެ ސަރަހައްދުން ޕޮޒިޓިވްވާ ނިސްބަތް މަތިވާން ފެށީ ޖެނުއަރީ މަހުގެ ކުރީކޮޅުން ފެށިގެންނެވެ. އެގޮތުން ޖެނުއަރީ މަހުގެ ފަހުކޮޅު އެ އަދަދު 45 ޕަސެންޓަށް މަތިވިއެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ތެރޭގައި އެ އަދަދު ދަށްވިއެވެ.

ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް އެޗްޕީއޭއިން މިހާރު އިއުލާނު ކުރަނީ ކޮންމެ ހަފްތާއަކު އެއްފަހަރުއެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކޮންމެ ރެއެއްގެ ޕޮޒިޓިވްވާ ރޭޓު ހާމަކުރާއިރު ދެނެނުގަނެވޭ ސަރަހައްދުތައް ހުންނަކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ ސަބަބުން ޕޮޒިޓިވްވާ ރޭޓު ސީދާ ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވީކްލީގެ ޑޭޓާ މާ އެކިއުރޭޓްވާނެ ޑެއިލީ ޑޭޓާއަށްވުރެ. ކޮންމެ ހަފްތާއެއްގެ އެސްޓިމޭޓެއް ހަދާނެ މިހާރު މި ވީކްގެ ބުދަދުވަހުން ބުރާސްފަތިދުވަހަށް." އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު މިހާރެކޭއެއްގޮތަށް ކޮންމެދުވަހަކު ގަވާއިދުން ދަނީ ހާމަކުރަމުންނެވެ.