އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިންގައި ބައިވެރިވުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އިދިކޮޅުން ދައުވަތު ދީފިއެވެ.

ރައީސް ނަޝީދަށް އިދިކޮޅުން މި ދައުވަތު ދިނީ، "އިންޑިއާ އައުޓް" ހަރަކާތުގައި ޕީޕީއެމްގެ މެންބަރުން ބައިވެރި ނުވުމަށް އެދި އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓަކާ ގުޅުވައިގެންނެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ލިޔުއްވާފައިވަނީ އިންޑިއާ އާ ދެކޮޅަށް ރައީސް ޔާމީން ހިންގާ ހަރަކާތަކީ ރައްޔިތުންގެ ތާއީދެއް ނެތް ހަރަކާތެއް ކަމަށެވެ. އަދި އެއީ ދިވެހީންނަށް އޭގެ ގެއްލުން ދޭނެ ކަމެއް ކަމަށާއި އެހެންކަމުން ނުހަނު އިޚްލާސްތެރިކަމާއެކު ޕީޕީއެމްގެ މެންބަރުންގެ ކިބައިން އެދެނީ ޤައުމަށް ޓަކައި އެ ހަރަކާތުގައި ބައިވެރި ނުވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ މިއަދު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވަނީ ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާ އަވަށްޓެރި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ޤައުމު ގެންދިޔުމަށް މި ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގެން ދެއްވުމަށް އެދި ނުހަނު އިޚުލާސްތެރިކަމާއިއެކު ދަންނަވާ ކަމަށެވެ.

"ރައީސް ނަޝީދަށް، މަނިކުފާނުގެ ވެސް ހިއްސާ އޮންނަ މި ސަރުކާރުން ދިވެހީންގެ މިނިވަންކަމާ އިސްތިޤުލާލު ނަގާލާ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދަން ފާޅުގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް ތެދުވުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ދަންނަވަން،" އަދުރޭގެ ޓްވީޓްގައި ވެއެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީންގެ އިސްނެންގެވުމަކަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިނާ ސަރުކާރުގެ ތެރެއިން އެންމެ ބޮޑަށް ދެކޮޅު ހައްދަވައި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ.

އެގޮތުން މީގެ ކުރީން ވެސް އެކަނިކުފާނު ވަނީ ރައީސް ޔާމީންގެ މޭމަތި ފުރެންދެން "އިންޑިއާ އައުޓް" ޖައްސަވައިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ވަޑައިގެން އިންޑިއާ އައުޓޭ ނުގޮވޭނެ ކަމަށް ވިދާޅުވެފަވެ. އަދި ފުލުހުންނަށް ގޮވާލެއްވީ އިންޑިއާގެ މިލިޓަރީ އާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވަން ޖެހޭނެ ކަމަށެވެ.

"އިންޑިއާ އައުޓް" ކެންޕެއިންގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތައް ބެލުމަށާއި އެ ހަރަކާތާ ގުޅުވައިގެން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ މިންވަރު ބަލައި ދިނުމަށް އެދި ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީގައި ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.