11 Mar 2022, 14:22
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި، އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތުގައި އިދިކޮޅު ފަރާތްތަކުން ބައިވެރި ނުވާން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ 'އިންޑިއާ އައުޓް'ގެ ހަރަކާތްތަކުގެ ދަށުން، އދ. މަހިބަދޫގައި މިއަދު އޮންނަ ހަރަކާތަށް އިދިކޮޅުން ވަނީ މިއަދު ފުރާފައެވެ.
އެ ހަރަކާތްތަކާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތަށް ތާއީދު ނެތް ކަމަށެވެ. ޤައުމަށްޓަކައި، އިދިކޮޅު ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ކެމްޕޭނަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އެކަމާ ދެކޮޅަށް ތިބިކަމަށް ބުނެ ބާއްވާ ސިލްސިލާ ހަރަކާތެކެވެ.
މި ކެމްޕޭންގެ ތެރެއިން، މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، އިންޑިއާ ސިފައިން ތިބި އެއްވެސް ތަނަކަށް ދިވެހި ސިފައިންގެ ބާރު ނުހިނގާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ސިފައިން "ސިޔާސީ ކުރަން" ޖާގަ ނުދިނުމަށް ގޮވާލާފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިންގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތަކާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ "އިންޑިއާ އައުޓް" ކެންޕެއިނަކީ ރާއްޖެއާއި އިންޑިއާ ދެމެގުގައި އޮތް ގުޅުން ހީނަރު ކޮށްލުމަށްފަހު، ސިޔާސީ މަންފާއެއް ހޯދުގެ ބޭނުމުގައި ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށް ކުޑަވެސް ހުއްޓުމެއް ނާންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އިދިކޮޅުން ކުރިއަށް ގެންދާ 'އިންޑިއާ އައުޓް' ހަރަކާތް ފުޅާކޮށް، އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި މި ހަރަކާތް ދަނީ ހިންގަމުންނެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ގއ އަތޮޅުގައާއި އައްޑޫ ސިޓީގެ އިތުރުން ރ އަތޮޅުގައިވެސް އިދިކޮޅުން ވަނީ މިހަރަކާތް ކުރިއަށް ގެންގޮސްފައެވެ.