ރިވެތި އަޚުލާގަކީ މީޒާނުގެ އެންމެ ބަރު ޢަމަލުކަން ހަނދާންކޮށްދެމުން، " އިސްލާމް ދީނަކީ ރިވެތި އަޚްލާޤުގެ ދީން" މި މައުޟޫއަށް މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފިއެވެ.

ޚުޠުބާގައި ބުނީ، ހެޔޮކަމުގެ މީޒާނަށް، ރިވެތި އަޚުލާޤަށްވުރެ ބަރު އެއްވެސް އެއްޗެއް ނުވާކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވާކަމަށެވެ.

ރިވެތި އަޚުލާޤީ ޞިފަތަކަކީ، ދެދުނިޔޭގެ މަންފާ ލިބޭ ސިފަތަކަކަށް ވީއިރު، ބައެއް މުސްލިމުންގެ އުޅުމުން، އެ މާތް ސިފަތައް އެކަށީގެންވާ މިންވަރަށް ނުފެންނަ ކަމަށް ޚުޠުބާގައި ބުންޏެވެ.

ދުނިޔޭގައި މުއުމިނުންނަށް އެކިއެކި ދަތިތަކާ ކުރިމަތި ކުރުވައި، އިމްތިޙާނު ކުރައްވާނެ ކަމަށާއި، އެފަދަ އެފަދަ ކޮންމެ ޙާލަތެއްގައި ވެސް ރިވެތި އަޚުލާޤުގެ ސިފަތައް ފާޅުކުރަންޖެހޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

"ކެތްތެރިކަމާއެކީ ޢިއްފަތްތެރި ވާން ވެސް ޖެހޭނެ. އަތްމަތި ދަތިވާ ވަހުތު ނުވަތަ ބަނޑުގައި ހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު، ތިމާގެ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމާއި، ދައްކާ ޙުއްޖަތުގެ ވަރުގަދަކަމުން، އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދާފައ ހުންނަ ޙަލާލު މުދާ ފޭރިގަނެ، އަތުލުމަކީ، ނުވަތަ ވަގަށް ނެގުމަކީ ހުއްދަވާނެ ކަމެއް ނޫން،" ޚުޠުބާގައި ބުންޏެވެ.

ނަމަވެސް މިއަދުގެ މުޖުތަމައުން، މިފަދަ ނޭދެވޭ މަންޒަރުތަކާއި އަޚުލާޤީ މިންގަނޑު ދަށް މަންޒަރުތައް ފެންނަމުން ދާކަމަށް ޚުޠުބާގައި ފާހަގަ ކުރިއެވެ.

ޤައުމެއް ޘަޤާފީ ގޮތުން ކުރިއަރައި ދިޔަކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ނިޝާނަކީ، ރިވެތި އަޚުލާޤު ކަމަށްވީހިނދު، ރިވެތި އަޚުލާޤީ ސިފަތަކެއް ނެތް ނަމަ، އެބަޔަކީ ކުރިއަރާފައިވާ ބައެއްކަމަށް ނުބެލެވޭނެކަމަށް ޚުޠުބާގައި ބުންޏެވެ.