ޔުއޭފާ ޔޫރޮޕާ ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ބާސެލޯނާާއި ގެލަޓަސަރޭ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗު ފަށައިގެން ވެސް ބާސާއިން ދިޔައީ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މެޗުގެ ކުރީކޮޅު ބާސާގެ ފެރާން ޓޮރެސް ހަމަލާއެއް ގެލަޓަސަރޭގެ އޭރިޔާ ތެރެއިން ހަމަލާއެއް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.

ހަތަރު ވަނަ މިނެޓުގައި ޖޯޑީ އަލްބ ގަލަޓަސަރޭގެ ގޯލު ކުރި މައްޗަށް ހުރަސްކޮށްދިން ބޯޅަ ބާސާގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ގަލަޓަސަރޭގެ ޑިފެންޑަރަކު ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ. ނުވަ މިނެޓުގައި އަޑަމާ ޓަރޯރޭ ގަލަޓަސަރޭގެ އޭރިޔާ ތެރެއިން ބާސާގެ ކުޅުންތެރިޔަކަށް ދޭން މަސައްކަތް ކުރި ބޯޅަ ވެސް ގެލަޓަސަރޭގެ ޑިފެންޑަރަކު ވަނީ ބްލޮކް ކޮށްފައެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ގަލަޓަސަރޭގެ އޭރިޔާ ކައިރިން ބާސާގެ ޕެޑްރީއަށް ކުރި ފައުލަކާ ގުޅިގެން އެ ބާސާއަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. ހިލޭ ޖެހުމިގައި މެމްޕިސް ޑިޕާއީ ފޮނުވާލި ބޯޅަ ގަލަޓަސަރޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ގަލަޓަސަރޭގެ ކެރަމް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 56 ވަނަ މިނެޓުގައު ޑިޕާއީ ނަގައިދިން ބޯޅައެއް ސާޖިއޯ ބުސްކެޓް ބޮލުން ފޮނުވާލި ނަމަވެސް، ގަލަޓަސަރޭގެ ކީޕަރު ވަނީ އަތުން ޖައްސައި ބޯޅަ ބޭރުކޮށްލާފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ގެލަޓަސަރޭގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް އަލްބާ ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ލަނޑު ޖެހުމަށް ބާސާއަށް ވަނީ ތަނަވަސް ފުރުސަތެއް ލިބިފައެވެ. ފްރެންކީ ޑި ޖޯން ފޮނުވާލި ބޯޅަ ގަލަޓަސަރޭގެ ގޯލުގެ ދަނޑީގައި ޖެހިފައި އައީ ކީޕަރުގެ އަތަށެވެ.

ފުރަތަމަ ލެގުގައި މި ދެ ޓީމު އެެއްވަރުވީއިރު، ދެ ވަނަ ލެގު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގެލަޓަސަރޭގެ ދަނޑުގައެވެ.