15 Mar 2012, 14:49
މިދިޔަ ހޯމަ ދުވަހު ފަލަސްތީން އަތުން 2-0 ލަނޑުން ބަލިވެ، އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓުމުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ރޭ ދަންވަރުގެ ވަގުތެއްގައި މާލެ އަތުވެއްޖެ އެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ޓީމްގެ ބައެއް ދެ އޮފިޝަލަކު ފިޔަވައި ޓީމުގެ ހުރިހާ ކުޅުންތެރިން ރޭ މާލެ އައިސްފައިވާ ކަމަށެވެ. އަދި ރޭ ޓީމާއެކު ނާދެވުނު އޮފިސަލުންނަކީ ބޯޓުން ޖާގަ ނުލިބިގެން ނާދެވުނު އޮފިޝަލުން ކަމަށް ވެސް އެފްއޭއެމް އިން ބުނެވެ.
މިފަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައި ރާއްޖެއާއި އެކު، ގްރޫޕް އޭގެ މެޗުތައް މިދިޔަ ހޯމަ ދުވަހު ނިމުނުއިރު އެއްވަނަ މަގާމު ހޯދީ، މިގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެއަތުން 3-1 ލަނޑުން މޮޅުވި ތުރުކުމެނިސްތާނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހުނު ރާއްޖެއަށް ޖުމްލަ ތިން މެޗު ކުޅެ، ތިން ޕޮއިންޓު ލިބުނު އިރު، ގްރޫޕުގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި، ގްރޫޕް ސްޓޭޖުން ފުރަތަމަ އަލްވަދާއު ކިޔަންޖެހުނު ޓީމަކީ މިފަހަރުގެ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ނޭޕާލެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެއަށް ލިބުނު ތިން ޕޮއިންޓަކީ، މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި ނޭޕާލާ ވާދަކޮށް މޮޅިވި މެޗުން ލިބުނު ޕޮއިންޓެވެ. މިމެޗުން ރާއްޖެ މޮޅުވީ 1-0 ލަނޑުން ނެވެ. މިމެޗުގައި ރާއްޖެއަށް ލަނޑު ކާމިޔާބު ކޮށްދިނީ މިފަހަރުގެ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީގައި މަޑުކުރުމަށް އެއްބަސްވެ، ކޮންޓުރެކްޓު އާކުރި، ރ. އަތޮޅު އަލިފުށީ މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އަދި މިއީ ހޮކޭ ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދައި، ކުޅޭ ފުރަތަމަ މުބާރާތް ވެސް މެއެވެ.