21 Jul 2010, 11:17
14:30
އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ހައްލުކުރުމަށް މަޝްވަރާކުރުމަށް އިދިކޮޅު ފަރާތްތަކަށް ދަތިވެގެން އުޅެނީ އެ ފަރާތުން އަމިއްލައަށް ކަނޑައަޅައިގެން އުޅޭ ޝަރުތުތަކެއްގެ ސަބަބުން ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.
ހޫނުވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް މާދަމާ ރާއްޖެ ވަޑައިގަންނަވާ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ރޮބަޓް ބްލޭކާއެކު ސަރުކާރާ އިދިކޮޅު ފަރާތްތައް އެކުގައި މަޝްވަރާތަކެއް ކުރައްވާނެތޯ ދެންނެވުމުން ޒުހެއިރު ވިދާޅުވީ، ސަރުކާރުން އޮތީ މަޝްވަރާކުރެއްވުމަށް މިހާރުވެސް މޭޒުގެ އެއްފަރާތުގައި ކަމަށެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން އަމިއްލައަށް ކަނޑައަޅައިގެން އުޅޭ ޝަރުތުތަކެއްގެ ސަބަބުން އެ ފަރާތްތަކަށް މަޝްވަރާގައި ބައިވެރިވުމަށް ދަތިވަނީ ކަމަށް ޒުހެއިރު ތުހުމަތު ކުރެއްވި އެވެ. އެގޮތުން ވާދަވެރި ޕާޓީތައް ކަމުގައިވާ ޑީއާރްޕީއޭ ކޯލިޝަނާއި، ގައުމީ ޕާޓީގެ އިތުރުން ގައުމީ ޕާޓީގެ ލީޑަރުން އެކީގައި ތިއްބަވައިގެން މަޝްވަރާކުރެއްވުމަށާއި އަދި ސިފައިންގެ ބެލުމުގެ ދަށުގައިވާ ޕީއޭ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ޝަރުތުކުރާ ކަމުގައި ޒުހެއިރު ވިދާޅުވި އެވެ.
ނަމަވެސް، ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ތެރޭގައި ޖިނާއީ މައްސަލައެއްގެ ތަހުގީގުކުރެވޭ ދެ ބޭފުޅުން ތިއްބެވިކަން ފާހަގަކުރައްވާ ޒުހެއިރު ވިދާޅުވީ އެކަމަށް ނުފޫޒު ފޯރުވުމަށް ސަރުކާރަށް ދަތުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ގޮނޑި ފުރުއްވާ ޔާމީން ސިފައިންގެ ބެލުމުގެ ދަށުގައިވާ ވާހަކަ ދައްކަވާއިރު، ސިފައިން ޔާމީން ގެންގޮސްފައިވަނީ ސިފައިންގެ ޤާނޫނެއް އޮވެގެން، ވަކި އިޖްރާތެއްގެ ދަށުން އޭނާއާއި ގައުމީ ސަލާމަތަށްޓަކައި ކަމަށް ޒުހެއިރު ވިދާޅުވި އެވެ. އަދި ޝަރުއީ ކޯޓުތައް މެދުވެރިކޮށް ޔާމީން މިނިވަންކުރެވޭނެ މަގު އޮންނައިރު ސަރުކާރުން އެކަމަށް ވެސް ނުފޫޒު ނުފޯރުވޭނެކަން ޒުހެއިރު ފާހަގަކުރެއްވި އެވެ.
ނަމަވެސް، ޒުހެއިރަށް ރައްދު ދެއްވަމުން ޑީއާރްޕީގެ އަމީން އާއްމު ނާޒިފް އަބްދުއްރަޝީދު ވިދާޅުވީ، އެއްވެސް އިދިކޮޅު ފަރާތަކުން އެއްވެސް ޝަރުތެއް މިހާތަނަށް ކަނޑައަޅާފައި ނޯންނާނެ ކަމަށެވެ. އަދި ވަކި ކަމެއް ފުރިހަމަވުމުން ނޫނީ ސަރުކާރާއެކު މަޝްވަރާކުރުމަށް ނުއިށީންނާނެ ކަމަށް ވިދާޅުވެފައި ވެސް ނޯންނާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.
ޑީއާރްޕީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރުން ޕްރެސް ކޮންފަރެންސެއް ބާއްވަވައި ދާދި ފަހުން ވިދާޅުވެފައި ވަނީ އިދިކޮޅު ލީޑަރުން ބަންދުގައި ތިއްބަވާނަމަ، މަޝްވަރާ ކުރުމަށް އެކަށީގެންވާ މާހައުލެއް ނޯންނާނެ ވާހަކަ ކަމަށާއި އޭގެ މާނައަކީ ކޮންމެހެން މަޝްވަރާ ނުކުރާނެ ކަމެއް ނޫން ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.
މާދަމާ މާލެ ވަޑައިގަންނަވާ އެމެރިކާގެ މަންދޫބާއެކު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެކުގައި އެއްވެސް މަޝްވަރާއެއް ކުރާނެ ކަމަށް ދެ ފަރާތުން ވެސް ކަށަވަރުކޮށްދީފައެއްނުވެ އެވެ. އެހެން ނަމަވެސް، މާދަމާ ހަވީރު ރޮބަޓް ބްލޭކް އިދިކޮޅު ޕާޓީތަކުގެ އިސްވެރިންނާ ޑީއާރްޕީ އޮފީހުގައި ބައްދަލުކުރައްވާނެ ކަމަށް ޑީއާރްޕީން ބުނެ އެވެ.