03 Mar 2010, 11:14
10:00
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ނުކުޅެދިއްޖެ ހިނދެއްގައި، މަޖިލީހުގެ ރިޔާސަތު ބަލައްޓަވަންޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދުގައި ބުނާ ފަސް މެންބަރުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ތަރުތީބުން ހުށަހެޅުއްވި މި ނަންފުޅުތަކުގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ވިހި އަހަރާއި، ހަތްދުވަސް، މަޖިލީހުގެ މެންބަރު ކަމުގައި ހޭދަކުރައްވާފައިވާ، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިނާއި، ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދުގެ އިތުރުން، 18 އަހަރާ ނުވަދުވަސް މެންބަރު ކަމުގައި ހޭދަކުރައްވާފައިވާ، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި، 15 އަހަރާ ހަތްދުވަސް ހޭދަކުރައްވާފައިވާ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ އެވެ.
މަޖިލީހުގެ އާގަވާއިދު ބުނާގޮތުން އެ މެންބަރުން ތަރުދީބު ކުރެވެންޖެހޭނީ މަޖިލީހުގައި ހޭދަކުރައްވަމުން ގެންދަވާ މެންބަރު ކަމުގެ މުއްދަތަށް ބަލައިގެންނެވެ. އަދި ދެ މެންބަރެއްގެ މެންބަރު ކަމުގެ މުއްދަތު ހަމަހަމަނަމަ އިސްކަންދޭންޖެހޭނީ މެންބަރުންގެ އުމުރަށް ބަލައިގެންނެވެ.
މި ނަންފުޅުތައް އިޢްލާން ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ، އެ ނަންފުޅުތައް ތަރުތީބު ކުރައްވާފައި އެ ވަނީ ގަވާއިދުގައި ބުނެފައިވާ ގޮތަށް ކަމަށެވެ.