ކުރިއަށް އޮތް ރަމަޟާންމަހަށް އެސްޓީއޯގެ ސުޕަމާޓް ތިން ގުނަ ބޮޑުކޮށް އަލުން ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ސުޕަމާޓް ތިން ގުނަ ބޮޑު ކުރުމަށްފަހު، އަލުން ހުޅުވާއިރު، އާއްމު ވިޔަފާރި ކުރާ ފަރާތްތަކަށް އެތަނުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަމްރު ވިދާޅުވީ ޕީޕަލްސް ޗޮއިސް މިފަހަރު ހުޅުވާއިރު ކަސްޓަމް ސަރަހައްދުގައި ހުރި ހޯމް އިމްޕްރޫވްމެންޓް ވެސް ޓްރޭޑް ސެންޓަރަށް ބަދަލު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އާންމު ވިޔަފާރިތަކަށް ވެސް ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް މިފަހަރު ހަމަޖައްސާނެ ކަމަށެވެ.

"އަޅުގަނޑުމެން ފޯނާއި ލެޕްޓޮޕާއި މާލޭގައި އެކަން އެންމެ ވަރުގަދައަށް ކުރާ ޕާޓީއާ މިހާރު ވާނީ ހަވާލު ކޮށްފައި. އެމީހުން އެތަނުގައި އެއްޗެހި ބަހައްޓައިގެން ވިއްކާނީ،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ބުނީ ރީތިވާ ސާމާނާއި ކޮސްމެޓިކްސް އާއި ބޭކަރީތަކުގެ އިތުރަށް މޭވާ އާއި ތަރުކާރީގެ ވިޔަފާރި އެންމެ ފުޅާކޮށް މާލޭގައި ކުރާ ފަރާތްތަކުގެ ރެކްތައް އެތަނުގައި މިފަހަރު ބަހައްޓާފައި ހުންނާނެ ކަމަށެވެ.

"މިހެން ހަމަޖެއްސުމުން، އެތަނުގައި ކުރާ ވިޔަފާރިތަކަށް ބޮޑު ކަސްޓަމާ ބޭސްއެއް ލިބި، އަދި އެ ވިޔަފާރިތަކަށް ތަކެތި ވިއްކާނެ ރަނގަޅު މާހައުލެއް ލިބޭނެ،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯއިން އެތެރެކުރާ ބުރޭންޑްތަކުގެ މުދާ ފޯރުކޮށްދޭނެ 136 ޕީޕަލްސް ޗޮއިސް އޭޖެންޓުން އައްޔަނު ކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެެއެވެ.