11 Mar 2022, 10:46
ޑަކުޓަރަށް ދައްކަން އެޕޮއިންޓްމަންޓެއް ހެއްދީމެވެ. ނަންބަރު ލިބޭނެކަން ޔަގީންވަނީ ކުރީބައިގައި ފައިސާ ދެއްކުމުން ކަމަށްވާތީ، ބުނި އަދަދަށް ފައިސާވެސް ދެއްކީމެވެ. ބަލަން ފަށާ ގަޑީގެ ބައިގަޑިއިރު ކުރިން އެތަނަށް ދާން އަންގާފައި އޮތެވެ. އެ ގަޑިކަމަށް ލިޔުމުގައި އޮތީ ހެނދުނު އަށެއް ޖަހާއިރެވެ. ވީމާ ހަތްގަޑި ބަޔަށް އެތަނަށް ދިޔައިމެވެ. ދިޔަ އިރު، ވަންނަންޖެހޭ ތަނުގައި ފަނޑު އަލިކަމެއް ހުއްޓަސް، އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ލޯ މެރިލާ އާފުރޭ ހާލެއްގައި އެތެރެއަށް ވަދެ އެންމެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖައީމެވެ. ހިދުމަތް ފަށާއިރު ފުރަތަމަ ގޮވާލާނީ އެ ގޮނޑީގައި އިންނަ މީހާއަށް ކަމަށް އުންމީދުކޮށްގެންނެވެ. ފަނަރަ ވަރަކަށް މިނެޓު ފަހުން އެހެން ދެމީހަކު އައިސް މާދުރުގައި އިށީނެވެ. ގިނައިރުވަމުން ގޮސް ބަރާބަރު ނުވައެއް ޖެހިއިރު، ހިދުމަތް ދޭ މީހުން އައިސް ބޮކިތައް ދިއްލައި މަސައްކަތް ފަށައިފިއެވެ. ރިސެޕްޝަނިސްޓުގެ އިޝާރާތަކަށް ދެލޯ ބޮޑުކޮށްގެން ބަލަން އިންދައި، އެއްކަލަ ފަހުން އައިސް ވަންތަނުން މީހަކު ކުއްލިއަކަށް ރިސެޕްޝަނަށް ގޮސް ހިދުމަތް ހޯދަން ފަށައިފިއެވެ. ރިސެޕްޝަނިސްޓު ހޭވެސް އަހައިނުލައި، އޭނާ އެ ދިޔަކަމެއް ކޮށްދީ ނިންމައިފިއެވެ. ހައިބަނޑާ، ބޮޑު ފަތިހާގޮސް ކުރީ ގޮނޑީގައި އިން މީހާ އިންގޮތަށް އިނީއެވެ.
މަތީގައި އެވަނީ ހަގީގީ ވާހަކައެކެވެ. މިއީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަމީހުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ތަނަކުން ތަޖުރިބާ ކުރަމުންދާ ކަންތައްތަކެވެ. ތަފާތު ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ކުރިމަތިވާ ހިތްދަތި ހާލަތްތައް ވަރަށް ގިނައެވެ. އޭގެތެރެއިން ބައެއް ކަންކަމަށް ބަލައިލާނަމެވެ.
ހިދުމަތް ލިބިގަންނަ ފަރާތުން ބޭނުންވާނީ ވީހާވެސް އަވަސް އަދި ފުރިހަމަ ހިދުމަތެވެ. ޑޮކްޓަރަށް ދެއްކުންފަދަ ހިދުމަތްތައް ގިނަ ފަހަރަށް ހޯދަން ޖެހެނީ ވަރަށް ބޮޑެތި ގުރުބާނީތައް ވެގެންނެވެ. އެތައް ވަގުތަކާއި އެތައް ފައިސާއެއް ހޭދަކޮށްގެންނެވެ. ނަންބަރެއް ހޯދުމަށްޓަކައި އެއްތަނުން އަނެއް ތަނަށް ދުވެގެންނެވެ. ބައެއް ފަހަރަށް ދެތިން މަސްދުވަހުގެ ކިޔޫއެއްގައި ހުރެގެންނެވެ. މިހުރިހައި ކަމެއް ކޮށްގެން، އެބުނާ ގަޑިއަކަށް ގޮސް އެތައް އިރެއްވާއިރުވެސް ހިދުމަތް ދޭ ފަރާތުން ދައްކައިނުލާ ފަހަރު މަދެއްނޫނެވެ. އަދި އެމީހުން އަޔަސް ހިދުމަތް ނުފަށާވެސް އެތައް އިރެއް ހިނގައިދެއެވެ. މާހައުލުގެ ތަފާތުކަމުން، މީހަކަށް ސުވާލެއް ކޮށްލާކަށްވެސް ނުކެރޭނެއެވެ. ރުޅިގަދަ މީހަކު ފަހަރެއްގައި ސުވާލެއްކޮށްލިޔަސް ލިބޭ ޖަވާބުން، އިތުރަށް ރުޅިގަދަވުންނޫންކަމެއް ނުވާނެއެވެ. ... އޮން ދަ ވޭ ގައެވެ. ... އަދި ފޯނެއް ނުނަންގަވައެވެ. ... ކުއްލިއަކަށް ޝެޑިއުލް ބަދަލުވީއެވެ. ... ދިހަވަރަކަށް މިނެޓު ތެރޭގައި އެބަ ވަޑައިގަންނަވައެވެ!
ބަލިމީހުން ބަލަން ފައްޓާފައިވެސް ކުއްލިއަކަށް ނިކުމެގެން ހިނގައިދާނެއެވެ. އެ ދިޔަ ތަނެއް އަދި އަލުން އެނބުރި އަންނާނެ އިރެއް އިނގޭނެ ދެވަނަ މީހަކު ނުހުންނާނެއެވެ. ބަލި ބޮޑުވެފައިވާ މީހުންނާއި ޅަދަރިމައިންނާއި އެނޫން ހާޖަތްތެރީންވެސް ހަމަ އެ ތިބިގޮތަށް ތިބުންނޫން އެހެން ގޮތެއް ނޯވެއެވެ. ނަންބަރު ޖެހެންދެން އިންތިޒާރުގައި އެތައް ބަޔަކު ތިބޭއިރު، އެއްވެސް ނަންބަރެއް ނެތް ކިތަންމެ ބަޔަކު ވަދެ ނިކުމެ ހަދާތަންވެސް ފެންނާނެއެވެ. އެންމެ ރަނގަޅެވެ. އެއީ އެގޮތަށް ވަންނަ މީހުންގެ ކަމެކޭ ބުނެވިދާނެއެވެ. އެހެންވިޔަސް... އެކަމާމެދުގައިވެސް ހިދުމަތް ދޭ ފަރާތުން ކޮންމެވެސް ފިޔަވަޅެއް އަޅަންވާނެކަމަށް ފެނެއެވެ.
މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ "އައި" ކުންފުނިން ހިލޭ އިންޓަނެޓު ގުޅައިދޭކަމަށް އިޝްތިހާރު ކުރިއެވެ. އަދި ހިދުމަތަށް އެދުމުން ދެދުވަސްތެރޭގައި ގުޅައިދޭނެކަމަށްވެސް އޮތެވެ. އަދި ގުޅައިދޭ ކޮންމެ ކަނެކްޝަނަކާއެކު ހިލޭ ދޭ އެއްޗެއްގެ ވާހަކަވެސް ބޮޑު އަކުރުން އޮތެވެ. އިޝްތިހާރު ފެނުމުން ލަސްނުކޮށް ހިދުމަތަށް އެދުނީމެވެ. ވަރަށް ފަސޭހައެވެ. މައުލޫމާތު މެސެޖުކޮށްލުމުން ފޯމު ފުރައިދިނީ އެމީހުންނެވެ. ފޯމު ފުރައިގެން، ހުރި ތަނަށް އައިސް ސޮއިވެސް ކުރުވިއެވެ. އެ ހިސާބުން އެއްކަލަ އިޝްތިހާރުގައި ބުނާ ދެދުވަސް ގުނަން ފެށީމެވެ. ދެދުވަސް ނިމި އެ ހަފުތާވެސް ނިމިއްޖެއެވެ. ހަބަރެއް ދަބަރެއް ނުވެއެވެ. ލިބިފައިވާ ނަންބަރަށް ގުޅީމައި އެކޮޅުންވެސް ކުރީ ސުވާލެކެވެ. 'އަދިވެސް ގުޅައިނުދޭހެއްޔެވެ؟ އަޅުގަނޑު ވާނީ ހުރިހައި އެއްޗެއް އެކޮޅަށް ފޮނުވާފައެވެ.' ކޮންމެއަކަސް "ގުޅައިދޭ މީހާ" ގެ ހަބަރެއް ނުވެ ދެވަނަ ހަފުތާވެސް ނިމިއްޖެއެވެ. އައި ކުންފުނީގެ ޓެންޓަށް ގޮސް ޝަކުވާ ކުރެވުނު ވަރެއް ނޭނގެއެވެ. ޓެންޓު ހުންނަނީ ގެޔާ ކައިރީގައިކަމުން ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން އެތަނަށް ދިޔައިމެވެ. ތިންވަނަ ހަފުތާގެތެރޭގައި... އެބުނާ ކަނެކްޝަނެއް ދީފިއެވެ. އެހެންނަމަވެސް 'ޓެކްނިކަލް' މައްސަލަޔަކާ ހެދި ހިދުމަތެއް ނުލިބުނެވެ. އޭގެ ފަހުން މާ ލަސްތަކެއްނުވެ އެކަން ހައްލުވެ ހިދުމަތް ލިބުނެވެ. އެހެންނަމަވެސް އެއްކަލަ "ހިލޭ" ލިބޭކަމަށް އޮންނަ އެއްޗަށް އެދިގެން އުޅޭތާ ތިންމަހަށް ވުރެ ގިނަވެއްޖެއެވެ. ޓެންޓަށް ގޮސް ސުވާލުކުރުމާއި، އެމީހުން ބުނާ ގޮތަކަށް މެސެޖާއި އީމެއިލުކުރުމާއި މިކަންކަން ކޮށްކޮށް ވަރުބަލިވެގެން އެކަން ދޫކޮށްލައިފީމެވެ.
އިސްވެ ބުނެވުނު ހިތްދަތި ހާލަތްތަކާމެދު އިސްލާމީ ނަޒަރުން ބަލައިލަމާ ހެއްޔެވެ. މީހަކާއެކު އެއްވެސް (ހެޔޮ) ކަމަކަށް ޢަހުދެއްކޮށްފިނަމަ އެޢަހުދެއް ފުއްދުމަކީ ހަމަކޮންމެހެންވެސް ކުރާންޖެހޭނެކަމެކެވެ. ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އެއްބަސްވެ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަކީ ޢަހުދަށް ވަފާތެރިވުމެވެ. ޢަހުދަށް ވަފާތެރިވުމަށް މުއުމިނުންނަށް ﷲ އަމުރުކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. يَأيُّهَاالَّذِيْنَ ءَامَنُوْاأَوْفُوْابِالْعُقُوْدِ (މާއިދާ: 1) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ޢަހުދުތަކާއި ޢަޤުދުތައް (އެއްބަސްވުންތައް) ތިޔަބައިމީހުން ފުއްދާށެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَالْمُوْفُوْنَ بِعَهْدِهِمْ إِذَاعَاهَدُوْا))(ބަޤަރާ: 177) މާނައީ: "އަދި ޢަހުދެއްކޮށްފިނަމަ އެބައިމީހުންގެ ޢަހުދުތައް ފުއްދާމީހުންނެވެ." ޢަހުދަކީ އެއާމެދު ޤިޔާމަތް ދުވަހުގައި ސުވާލު ވެވޭނެކަމެއްކަމަށް ﷲ އަންގަވާފައިވެއެވެ.(އިސްރާ: 34) ޢަހުދާއި ޚިލާފުވުމަކީ މުނާފިޤުކަމުގެ އަލާމާތެއްކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ.(ބުޚާރީއާއި މުސްލިމު)
ވީމާ، ކޮންމެ ކަހަލަ ހިދުމަތެއް ދޭ ފަރާތެއްނަމަވެސް އެ ހިދުމަތެއް ދޭން އެއްބަސްވާ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމަކީ ޢަހުދަށް ވަފާތެރިވުމެވެ. އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެއާ އެއްގޮތަށް ހިދުމަތް ނުދިނުމަކީ ޢަހުދާ ޚިލާފުވުމެވެ. އެއީ ނަހީކުރައްވާފައިވާ ކަމެކެވެ. އެޕޮއިންޓްމަންޓު ދީފައިވާ ގަޑިއަށް ބައްދަލުވުން ކުރިއަށް ގެންދަންޖެހޭނެއެވެ. ޑޮކްޓަރަށް ދެއްކުމަށް ވަކި ވަގުތަކަށް ދާން އަންގާފައިވާނަމަ އެ ވަގުތަކަށް (ނުވަތަ އެއާ ކައިރިކުރާ ވަގުތެއްގައި) ހިދުމަތް ދޭންޖެހޭނެއެވެ. އިސްތިސްނާ ހާލަތެއް ދިމާވެގެން ފަހަރެއްގައި ހިދުމަތް ލަސްވެލިޔަސް، މާ ގިނައިން އެހެން ދިމާވާނަމަ އެކަން ގަބޫލުކުރަން ދަތިވާނެއެވެ. އެއްޗެތި ގަނެ ވިއްކުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުން ލާޒިމުވާނެއެވެ. އެއްބަސްވެފައިވާ މުއްދަތުގައި ހިދުމަތް ނުދެވޭނަމަ އެކަމުން ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެއެވެ. މުސްލިމުންނަކީ އެބައިމީހުން ކުރާ ޝަރުތުތަކުގެ މަތީގައި ދެމި ތިބޭނެ ބައެއްކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ.(އަބޫ ދާއޫދު)