10 Mar 2022, 23:39
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.41 ބިލިއަން ރުފިޔާ ބަލައިގަން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ބުނީ އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 40.1 ޕަސެންޓް އިތުރު އަދަދެއްކަމަށެވެ. އަދި، ފެބުރުވަރީ 2022 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 17.6 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ ފެބްރުއަރީގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއާޕޯޓް ޓެކްސް އަދި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު، މިއަހަރުގެ ޖެނުއަރީގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 43.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިދިޔަ ފެބްރުއަރީގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީން ކަމަށް އެ އިދާރާއިން ބުންޏެވެ. އެއީ 69.1 ޕަސެންޓް ނުވަތަ 972.10 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 9.8 ނުވަތަ 138.21 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.44 މިލިއަން ރުފިޔާ (6.5 ޕަސެންޓް)، އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 51.99 މިލިއަން ރުފިޔާ (3.7 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 44.85 މިލިއަން ރުފިޔާ (3.2 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 107.98 މިލިއަން ރުފިޔާ (7.7 ޕަސެންޓް) ލިބިފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް ވެސް މިރާއިން ބުންޏެވެ.