މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވީބީ އައްޑޫ އެފްސީއިން، އެ ޓީމު ނިސްބަތްވާ އައްޑޫ ސިޓީއަށް ކުރަން ނިންމި ޓްރޭނިން ދަތުރު އަދިވެސް ބާއްވާނެ ކަމަށް ވީބީން ބުނެފި އެވެ.

ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މިއަދު އައްޑޫ ސިޓީއަށް ކުރަން އޮތް ދަތުރު ވީބީން، ވަކިތާރީހެއް ނެތި ކެންސަލް ކުރީ ރާއްޖޭއަށް މިވަގުތު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމުން ކަމުންނެވެ.

ސަން އަށް ދިން އިންޓަވިއުގައި ވިބީ އައްޑޫއެފްސީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ، އައްޑޫ ސިޓީއަށް ކުރަން އޮތް ދަތުރު ސީޒަން ފެށުމުގެ ކުރިން ބާއްވާނެ ކަމަށެވެ. މި ދަތުރުގައި އައްޑޫ ގަމުގައި ޕްރެކްޓިސް ކުރުމަށް ފަހު ހިތަދޫގެ ސްޓޭޑިއަމުގައި އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖައްސައިފަ އެެވެ. ވީބީގައި އައްޑު އަށް ނިސްބަތްވާ ކުޅުންތެރިން ވަރަށް ގިނަ އެވެ.

ސަތޯ ބުނީ، ކުރިން ވެސް ނިންމާފައިވާ ގޮތަށް އައްޑޫއަށް ކުރާ ދަތުރުގައި ވީބީން ވަނީ ހޯމް ނައިޓެއް ބޭއްވުމަށް ނިންމާފައި ކަމަށާއި އެނައިޓުގައި މިއުޒިކް ޝޯއެއް ވެސް އައްޑޫގެ ޒުވާނުންނާ އެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ރާއްޖޭގެ ލަވަ ކިޔުންތެރިންނާ ވެސް ވާހަކަ ދައްކާފައި. މިދަތުރުގައި ބައިވެރިވުމަށް އެދި. ކުރިން ބުނިގޮތަށް މިނައިޓްގައި ވީބީ އައްޑޫ އެފްސީގެ ރަސްމީ ލަވަ އިފްތިތާޙް ކުރުން އޮންނާނެ. އަދި ރަސްމީ ޖޯޒީތައް ވެސް އިފްތިތާހް ކުރާނެ،" ސަތޯ ބުންޏެވެ.

ވީބީގެ މަޝްހޫރު އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ވީބީ ދޫކޮށް މިއަހަރު އެހެން ކުލަބްތަކާ ގުޅުނު ކަމުގައި ވިޔަސް ޓީމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް ނާންނާނެ ކަމަށާއި ބަކާ، ދަނގަޑޭ އަދި އިމްރާން ފަދަ ކުޅުންތެރިން ވީބީދޫކޮށް ދިއުމުން އޭގެ އަސަރު ވީބީއަށް ކުރިމަތިވިޔަސް، އެކުޅުންތެރިން ނެތް ތަން ފޫބޭއްދުމަށް ދުރާލާ ވީބީން ވަނީ މަސައްކަތް ފަށާފައި ކަމަށް ސަތޯ ވަނީ ބުނެފަ އެވެ.


ސީޒަނާ ކުރިމަތިލާ އިރު ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ވީބިން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ސަތޯ ބުނީ ޒުވާން ކުޅުންތެރިން ވީބީއަށް ވަރަށް މުހިންމު ކަމަށާއި ވީބީގެ އަމާޒަކަށް ވެފައި ވަނީ ޒުވާން މޮޅު ފުޓްބޯޅަ ކުޅުންތެރިން މުޖްތަމައު ތެރެއަށް ނެރުން ކަމަށެވެ. އަދި މިވަގުތު ޓީމުގައި ތިބި ސްކޮޑަކީ ޓީމުގެ މެނޭޖްމަންޓު ހިތް ހަމަޖެހޭ ވަރުގެ ސްކޮޑެއް ކަމަށް ވެސް ސަތޯ ވަނީ ބުނެފައެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން މިމަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ދެ ކުލަބްކަމަށްވާ ވީބީ އާއި ވިކްޓަރީގެ މެޗުންނެވެ.