ދަރުބާރުގޭ ކައިރިން ތޫނުއެއްޗަކުން ހަމަލާދީ ހ. ހަންޑްރެޑްފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ގއ. ވިލިނގިލި، ފިޔަޖަހާގެ، މުޙައްމަދު ޙުމައިދާއި ވ. ސިނަމާލެ 4 01-04 އިސްމާއީލް އަނީގުގެ މައްޗަށް ކުރީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ސ. ފޭދޫ ވީނަސްވިލާ، ނަސީބު ސައީދާއި، ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާނުގެ މައްޗަށް އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

އޭޕްރީލް 21، 2015 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު ޖައިލަމް މަރާލި މައްސަލަ ސާބިތުކުރަން އަށް މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން ހެކިބަސް ދިނީ ދެ މީހެކެވެ. ބާކީ ތިބި ހަ މީހުން ކޯޓަށް ހާޒިރުކުރެވިފައިނުވާތީ އެ މީހުންގެ ހެކިބަސް ނެގިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެއެވެ.

ކާކުކަން ނޭނގޭގޮތަށް ސިއްރުން ހެކިބަސްދިން މީހަކު ބުނީ އެ ހާދިސާ ހިނގުމުގެ އިރުކޮޅެއް ކުރިން ހ. ހަންޑްރެޑްފްލާވާ ގޭގެ ސިޑިމަތީގައި އިށީނދެގެން އިންދާ އޭނާއަށް ފެނުނު ކަމަށެވެ. އަދި އެވަގުތު ދަރުބާރުގެއާވީ ފަރާތުން ސައިކަލެއްގައި އައި ދެ މީހަކު އޭނާއަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވެއެވެ.

ހަޑިހުތުރުބަހުން ޖައިލާމާ މުޚާތަބުކޮށް އޭނާ މަރާލުމަށް އެމީހުން ގޮވާލި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

"އޭނާ މަރާލާށޭ ބުނިއަޑަށް ބަލާލެވުނުއިރު، ޖައިލަމް ތެދުވެގެން އަންނަނީ. އައިސް ޕޭވްމަންޓްމައްޗަށް ވެއްޓުމުން ގުދުވެ ބަލައިލިއިރު އޭނާގެ ބަނޑުން ބޮކިޖަހާފައި ލޭތައް ފައިބާތަން ފެނުނު،" ހެކިވެރިޔާ ބުންޏެވެ.

ހެކިބަސްދިން ދެވަނަ މީހާ ބުނީ ހަމަލާދިނުމަށްފަހު ޕިކަޕެއްގައި ޖައިލަމް ހޮސްޕިޓަލަށް ގެންދިޔަތަން އޭނާއަށް ފެނުނު ކަމަށެވެ. ނަމަވެސް ހަމަލާދީފައި ވަނީ ކޮންބައެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ޖައިލަމަށް ހުމައިދު ވަޅިން ހަމަލާދިންކަން ސާބިތުކުރަން ގަރީނާއެއްގެ ގޮތުގައި ދައުލަތުން ވަނީ އޭނާގެ އަތަށް ވަޅިން ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ހޯދިކަމުގެ ހެކި ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ ހުމައިދުއަށް މެޑިކާއިން ފަރުވާދީފައިވާ ކަމުގެ ލިޔުމާއި މެޑިކާއިން އޭނާއަށް ދޫކޮށްފައިވާ ބޭސް ސިޓީ އާއި ހުމައިދުގެ ނަންމަތީގައި ތައްޔާރުކޮށްފައިވާ އެ ހޮސްޕިޓަލްގެ މެމޯއެވެ. ނަމަވެސް ހުމައިދު ޖައިލަމަށް ވަޅިން ހަމަލާދިން މަންޒަރު ފެނުނު ކަމަށް އެއްވެސް މީހަކު ހެކިބަސްދީފައިނުވެއެވެ.

އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.