މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ކްރޮއޭޝިއާގެ ޓޭބަލް ޓެނިސް ލެޖެންޑް ޒޯރަން ޕްރިމޮރެކް ބައިވެރިވާނެކަން ހާމަކޮށްފިއެވެ.

ޓީޓީ އިން މިހާރު މުސްކުޅި ކޮށްފައިވާ، އުމުރުން 52 އަހަރުގެ ޒޯރަން، އެވޯޑްސް ހަފްލާގައި ބައިވެރިވާނެކަން ހާމަކޮށްފައިވަނީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފެވެ.

މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ޒޯރަން އަކީ ދެ ފަހަރެއްހެ މަތިން ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ލެޖެންޑެކެވެ. އަދި އޭނާ އަކީ އޮލިމްޕިކްގެ ހަތް ގޭމެއްގައި ވާދަކުރި ތިން ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ ފަރާތެކެވެ. އަދި އޭނާ ވަނީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަން (އައިޓީޓީއެފް) ގައި ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައިވެސް ހިމެނިފައެވެ.

އޭނާ ވަނީ ކެރިއަރުގައި ޖުމުލަ ހަތަރު ރަން މެޑަލް ހޯދާފައެވެ. އޭގެ އިތުރުން އޭނާ ވަނީ ނުވަ ރިހި މެޑެއްޔާއި 14 ލޯ މެޑަލް ހޯދާފައެވެ.

ޒޯރަންގެ އިތުރުން މި ހަފްލާގައި ބައިވެރިވާނެކަން ހާމަކޮށްފައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ބްރިޓިޝްގެ ޕެރަލިމްޕިކް ލެޖެންޑް ލޫސީ ޝުކާ، ދުނިޔޭގެ އެއްވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަންއެ އަދި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާއެވެ.

މީގެ އިތުރުން އަވަށްޓެރި ގައުމުތަކުގެ ކުޅިވަރު ވަޒީރުން ވެސް ބައިވެރިވާއިރު، މިހާތަނަށް ވަނީ ދެ ފަރާތެއް ހާމަކޮށްފައެވެ. އެއީ ލަންކާގެ ކުޅިވަރު ވަޒީރު ނަމާލް ރާޖަޕަކްސާ އާއި ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު އަހްސަން ރެސެލް އެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ވެސް މި ހަފްލާގައި ބައިވެރިވާނެކަމަށް ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ކުޅިވަރު ލެޖެންޑުންނާއި ޝަރަފުވެރި ބޭބޭފުޅުން ބައިވެރިކުރުމުގެ މަގްސަދަކީ މިކަމުގެ މުހިންމުކަން އަންގައިދިނުންކަމަށް ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވެއެވެ.

މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އެކުވެނި ދުވާ ޓެރެކުގައެވެ.