ކެލާނާޅި ސްޕޯޓްސް އަތުން 3-1 ލަނޑުން މޮޅުވެ، ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީން އެއް ވަނަ ޓީމުގެ ގޮތުގައި ކުލަބް އީގަލްސް ސެމީ ފައިނަލުން ޖަގަ ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީ ފަޅީގެ ފަހު މެޗުގައި، އީގަލްސްއިން ކެލާނާޅި ކޮޅަށް ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ދެ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހުސައިން އާތިފް އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، 1-0 ލަނޑުން އީގަލްސްއިން ކުރި ހޯދި ނަމަވެސް، ސެމީއިން ޖާގަ ހޯދުމަށް މޮޅުވާން މަޖުބޫރު ވެފައިވާ ކެލާނާޅިން ވަނީ މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހާ ނަތީޖާ 1-1 ލަނޑަށް ހަމަހަމަ ކޮށްފައެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ލީޑް ދެ ވަނަ ފަހަރަށް އީގަލްސްއިން ނެގީ، ދެ ވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމުގެ އަހުމަދު އިނާޒް ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލި ހިސާބުންނެވެ. އަދި މިމެޗުގައި އީގަލްސްއިން ޖެހި ތިން ވަނަ ލަނޑަކީ ކެލާނާޅި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިއެއްގެ އަތުން، މެޗުގެ 79 ވަނަ މިނެޓުގައި ބައިކޮޅަށް ވަތް ގޯލެކެވެ.

އިއްޔެގެ މޮޅާއެކު، ގްރޫޕްގެ އެއްވަނަ އީގަސްއަށް ލިބެނީ ޖުމްލަ އަށް ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ކެލާނާޅިއަށް ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނަ ލިބޭއިރު، ގްރޫޕްގެ ދެ ވަނަ ލިބެނީ ހަތް ޕޮއިންޓާއެކު ކުލަބް ވެލެންސިޔާ އަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެ ވަނަ ޓީމެވެ. އެގޮތުން މިމުބާރާތުގެ ގުރޫޕް އޭ ފަޅިން ސެމީގެ ޖާގަ ކަށަވަރު ކުރި ދެޓީމަކީ ވިކްޓަރީ އާއި މާޒިޔާއެވެ. އަދި ގްރޫޕް ބީ ފަޅިން ސެމީގެ ދެ ވަނަ ޖާގަ ހޯދާފައިވާ ޓީމަކީ ކުލަބް ވެލެންސިޔާއެވެ.

ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއް ވަނަ ހޯދި ދެ ޓީމުގެ މެދުގައި ކުޅެވޭ ފުރަތަމަ ސެމީ ފައިނަލްމެޗް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުމަށް ނިންމާފައި ވާއިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުންއަންނަ އާދިއްތަ ދުވަހު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ގަލޮޅު ދަނޑުގައެވެ.

މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ، މި މުބާރާތް މިފަހަރު ކުރިއަށް ގެންދަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާ އިރު، މިދިޔަ ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.