10 Mar 2022, 17:42
އެކަށީގެންވާ ވަރަށް ހެކިނުލިބުމުގެ ސަބަބުން ކްރިމިނަލް ކޯޓުން ބޭރުކޮށްލި ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދައުވާގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފިއެވެ.
"ސަން" އާ ވާހަކަ ދައްކަމަވުން ހައިކޯޓުގެ އިންފޯމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވީ އެ މައްސަލަ ބަލައިގަނެ އެ ކޯޓުން މިއަދު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙުމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ތުހުމަތުކުރިއެެވެ.
އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހަޅައިފައި ނެތުމުންނެވެ.
މަހްލޫފްގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ޝަފަވީ ހަތް ހެއްކެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މުޙައްމަދު އައްލާމް ލަތީފް އާއި އަޙްމަދު އިޝްފާހް އަލީ ވެސް ހިމެނެއެވެ.
ދެން ހިމެނެނީ މަހްލޫފް ޑޮލަރު މާރުކުރިކަމަށް ބުނެ ހުށަހެޅި ރިސިޕްޓްގައި ސޮއިކޮށްފައިވާ, ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން މޯބައިލް ފޮރިންސިކް ތައްޔާރުކުރި މީހާއެވެ.
އަނގަބަހުން ހެކިބަސްދޭ ހަތް މީހެއްގެ ނަން ދައުލަތުން ހުށަހަޅާފައިވާއިރު, ކިތާބީ ހެކީގެ ގޮތުގައި 29 ހެއްކެއް ހުށަހެޅިއެވެ.
އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް މަހުލޫފު ވަނީ ދައުވާއަށް އިންކާރު ކުރައްވައިފައެވެ.