މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަށް ސްރީލަންކާ އަދި މުޅި ދުނިޔޭގެ ލެވަލްގައި ވެސް މަގުބޫލު ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ ބައިވެރިވާނެކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައެވެ.

ޖަޔަސޫރިޔާ އަކީ 1989 އިން 2007 ވަނަ އަހަރާ ހަމައަށް ސްރީލަންކާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ލެޖެންޑެކެވެ. އޭނާ ވަނީ ލަންކާއާއެކު 1996 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ވެސް ހޯދާފައެވެ. އަދި އޭނާ އަކީ 50 ބޯޅަޔާއެކު ސަތޭކަ ލަނޑު މިހާތަނަށް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. މިއީ އޭނާގެ އަތުގައި އޮތް ރެކޯޑެކެވެ.

ޖަޔަސޫރިޔާ ވަނީ ވަން ޑޭ އިންޓަނޭޝަނަލް ކްރިކެޓް (އޯޑީއައި) ގައި 10،000 ލަނޑު އެއްކޮށް، 300 ވިކެޓް ނަގައިފައެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ ކުޅިވަރުގެ އެންމެ ޝަރަފުވެރި ހަފްލާގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި ލެޖެންޑުން ބައިވެރިވާއިރު، މިނިސްޓަރު މަހްލޫފް އަންނަނީ އެ ފަރާތްތަކުގެ ނަންތައް ހާމަކުރައްވަމުންނެވެ.

އެގޮތުން ޖަޔަސޫރިޔާގެ އިތުރުން މިހާތަނަށް ހާމަކޮށްފައިވަނީ، ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ބްރިޓިޝްގެ ޕެރަލިމްޕިކް ލެޖެންޑް ލޫސީ ޝުކާ އަދި ދުނިޔޭގެ އެއްވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަންއެވެ.